13 ދާއިރާގެ އިންތިޚާބީ މައްސަލައިގެ ހުކުމް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ 13 ދާއިރާއެއްގެ އިންތިޚާބާ ގުޅޭގޮތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ހުކުމް އިއްވުން މާދަމާ އަށް ތާވަލް ކޮށްފި އެވެ.

ހައިކޯޓުގައި އެ މައްސަލަތައް ތާވަލް ކޮށްފައި ވަނީ މަދަމާ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 1:50 އާ ދެމެދުގެ ގަޑިތަކަށެވެ. ހައިކޯޓަށް ހުށަހެޅިފައިވާ 13 މައްސަލައިގެ ތެރެއިން 10 މައްސަލަ އަކީ މުޅި އިންތިޚާބު ބާތިލް ކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލަތަކެވެ.

ވިލިނގިލީ ދާއިރާ އާއި އިސްދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ހުށަހަޅާފައި ވަނީ އެމްޑީޕީންނެވެ. ކާށިދޫ ދާއިރާ އާއި ފުނަދޫ ދާއިރާގެ އިތުރުން ފޭދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރަން ހުށަހަޅާފައި ވަނީ އެ ދައިރާތަކަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

ހިތަދޫ އުތުރު ދާއިރާ އާއި ހިތަދޫ މެދު ދާއިރާގެ އިތުރުން ތިމަރަފުށީ ދާއިރާ އާއި ފެލިދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރަން ހުށަހަޅާފައި ވަނީ އެ ދާއިރާތަކަށް ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ. އަދި ނައިފަރު ދާއިރާގެ އިންތިޚާބު ބާތިލް ކުރަން ހުށަހަޅާފައި ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ.

ނޮޅިވަރަމް ދާއިރާގެ އިންތިޚާބާ ގުޅޭގޮތުން އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓް ހުށަހެޅުއްވި މައްސަލައިގައި އެދިފައި ވަނީ މާލޭގައި ބެހެއްޓި އެ ދާއިރާގެ ވޯޓު ފޮށީގެ ނަތީޖާ ބާތިލްކުރުމަށްފަހު އަލުން އެ ފޮށީގެ އިންތިޚާބު ބޭއްވުމުގެ އަމުރެއް ނެރެދިނުމަށް އެދިއެވެ.

ގެމަނަފުށީ ދާއިރާގެ އިންތިޚާބާ ގުޅޭގޮތުން އެމްޑީޕީން ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ގއ. ދެއްވަދޫގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ ބާތިލްކުރުމަށްފަހު އަލުން އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.

ކުރެންދޫ ދާއިރާގެ އިންތިޚާބާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެ ދާއިރާގެ ނަތީޖާ އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު