ކާށިދޫ ދާއިރާގެ އިންތިޚާބު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޖާބިރު އެވެ.

މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ހުށަހަޅުއްވަމުން ޖާބިރުގެ ވަކީލު ވިދާޅުވީ ކާށިދޫ ދާއިރާގެ އިންތިޚާބުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ބޮޑެތި އިންތިޚާބީ ކުށްތައް ކޮށްފައިވާކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިޚާބު ފެށެން ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ހޯމް މިނިސްޓަރު އުމަރު ނަސީރު ކާށިދޫ އަށް ވަޑައިގެން ޖާބިރަށް އޮތް ތާއީދު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އެގޮތުން ކާށިދޫގައި ގާއިމްކުރާ ޖަލަކީ ޖާބިރު ބަންދުކޮށްފައި ބަހައްޓާނެ ޖަލުކަން ދޭހަވާ ފަދަ ގޮތަކަށް އޭނާ އުމަރު ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިޚާބު ކުރިއަށްދިޔަ އިރު ނުރަނގަޅު ނުފޫޒުތަކެއް ފޯރާފައިވާ ކަމަށް ބުނެ އެކަން ސާބިތުކުރުމަށް ވެސް ޖާބިރުގެ ފަރާތުން މިއަދު ވަނީ ހެކި ހުށަހަޅައިފަ އެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ބުނީ ހެކީން ހާޒިރު ކުރާނީ މައްސަލަ ދިރާސާ ކުރާ އިރު ހެކީން ހާޒިރުކުރަން ފެނިއްޖެ ނަމަ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ބަދަލުކުރަން ޖެހޭ އެކަށީގެންވާ ސަބަބުތަކެއް އެ މައްސަލައިގައި ނެތް ކަމަށެވެ. އަދި ހޯމް މިނިސްޓަރު އުމަރު ޖާބިރަށް އޮތް ތާއީދު ގެއްލޭފަދަ ގޮތަކަށް ކާށިދޫގައި ވާހަކަ ދެއްކި ކަމަށް ބުނެ އިލެކްޝަންސް ކޮމްޕްލަންސް ބިއުރޯއަށް ޝަކުވާ ހުށަހަޅާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި ފައިސަލް ނަސީމް ވަނީ އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވެފަ އެވެ.
ފައިސަލްގެ ވަކީލު އަލީ ހުސައިން ވިދާޅުވީ އެންމެ ބޮޑު މައްސަލައެއް އޮތް ކަމަށް ޖާބިރުގެ ފަރާތުން ފާހަގަ ކުރަނީ ގާފަރުގައި ބެހެއްޓި ވޯޓު ފޮއްޓާ ގުޅިގެން ކަމަށާއި އެހެންކަމުން މައްސަލަ ނިންމާ އިރު އެ ވޯޓު ފޮށިން ޖާބިރާއި ފައިސަލްއާ ދެމެދު އޮތް ވޯޓުގެ ފަރަގު ބަލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު