ހިތަދޫ އުތުރު ދާއިރާގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް އެދި ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

ހިތަދޫ އިތުރު ދާއިރާގެ އިންތިޚާބު ބާތިލްކުރަން ހުށަހެޅުއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އަލީ އިބްރާހީމެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވާހަކަދައްކައި ނިމުމުން ފަނޑިޔާރުންގެ ބެންޗުން ބުނީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ހުކުމް އިއްވާނެ ތާރީޚެއް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ހުށަހަޅުއްވަމުން އަލީ އިބްރާހީމްގެ ވަކީލު ވަނީ އެ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު އަސްލަމް ރިޝްވަތު ދިނުމުގެ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

އެ ދާއިރާގެ އިންތިޚާބު ބާތިލް ކުރަން އެދުނު ސަބަބުތަކުގެ ތެރޭގައި ހިތަދޫ ސްކޫލްގައި ބެހެއްޓި ވޯޓު ފޮށީގެ ކަން ހިނގާ ދިޔަ ގޮތުގެ ރިޕޯޓުގައި ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށްފައި ނުވާކަމަށް ބުނެ އެކަން ވަކީލު ވަނީ ފާހަގަކޮށްފައެވެ.

ދައުވާގައި ފާހަގަކޮށްފައިވާ ކަންތައް ސާބިތު ކުރުމަށް އަލީ އިބްރާހީމްގެ ފަރާތުން މިއަދު ވަނީ 10 މީހަކު ހެކީންގެ ގޮތުގައި ހުށަހަޅުއްވައިފަ އެވެ.

ދައުވާ އަށް ޖަވާބުދާރީވަމުން އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އަލީ އިބްރާހީމްގެ ފަރާތުން ހުށަހެޅުއްވި ކަންތައްތަކަށް ބަލާއިރު، އެ ދާއިރާގެ އިންތިޚާބުގެ ނަތީޖާ ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ސުއޫދު ވިދާޅުވީ ކަންހިނގި ގޮތުގެ ރިޕޯޓުގައި ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށްފައި ނުވާ ކަމަށް އަލީ އިބްރާހީމްގެ ވަކީލު ވިދާޅުވިނަމަވެސް އެއީ ދޮގެއް ކަމަށެވެ. އަދި އޭނާ ވަނީ އެ ރިޕޯޓު ޝަރީއަތަށް ހުށަހަޅުއްވައިފަ އެވެ.

އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވި އެމްޑީޕީގެ ކެންޑިޑޭޓްގެ ވަކީލާ ވިދާޅުވީ އިންތިޚާބު ބާތިލް ކުރުމަށް ހުށަހަޅަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ މިންވަރަށް އަލީ އިބްރާހީމްގެ ފަރާތުން ހެކި ހުށަހަޅާފައިނުވާ ކަމަށެވެ.

ހެކީން ހުށަހަޅާފައިވީނަމަވެސް މިއަދު އަޑުއެހުންތައް ނިންމާލިއިރު ހެކީން ހާޒިރުކުރުމާ ބެހޭގޮތުން އެއްވެސް އެއްޗެއް ފަނޑިޔާރުން ވިދާޅެއް ނުވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު