ފެލިދޫ ދާއިރާގެ އިންތިޚާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ވ. ފެލިދޫ ދާއިރާގެ އިންތިޚާބު ބާތިލު ކުރުމަށް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގެންފި އެވެ.

ފެލިދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރަން ހުށަހެޅުއްވީ ޕީޕީއެމްގެ ފަރާތުން އެ ދާއިރާ އަށް ވާދަކުރެއްވި އަހްމަދު ތާރިގު ޒުހައިރު އެވެ.

ތާރިގުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އެ މައްސަލަ ބަލައިގަނެ މާދަމާ 2:00 އަށް ހައިކޯޓުގައި ޝެޑިއުލްކޮށްފައިވާ ކަމަށެވެ.

ވަކީލުންގެ ޓީމުން ބުނީ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި މައިގަނޑު ތިން ނުކުތާއެއް ފާހަގަކޮށްފައިވާނެ ކަމަށެވެ. އެގޮތުން ވޯޓު ފޮށީގެ ވެރިއެއްގެ ގޮތުގައި ވ. ފެލިދޫގައި ހުރި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލް ރިޝްވަތު ނަގާފައިވާކަން ސާބިތުކުރުމަށް އޯޑިއޯ އެވިޑެންސާއި އެހެނިހެން ހެކިތައް ހުށަހަޅާފައިވާނެ ކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ.

މާލޭގައި ބެހެއްޓި ވޯޓު ފޮށީގައި ވޯޓުލުން ކުރިއަށް ދިޔަ އިރު އިދިކޮޅު ކެންޑިޑޭޓަށް ނިސްބަތްވާ މީހަކު ވޯޓުލާ ސަރަހައްދުގެ އެތެރެއާއި ބޭރުގައި ހުރެ ވޯޓުލާން ދިޔަ މީހުންނަށް ދަޅާއި ފުޅިއާއި ސިނގިރެޓާއި ފައިސާ ބަހާފައިވާ ކަމަށާއި އެކަން ސާބިތުކުރުމަށް ވެސް ހެކި ހުށަހަޅާފައިވާނެ ކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ.

ވަކީލުންގެ ޓީމުން ބުނީ ކެންޕޭން ކުރުން މަނާ ގަޑީގައި ބަޔަކު ފުލިދޫގެ ގޭގެއަށް ވަދެ އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ހޯއްދުމުގެ ގޮތުން ކެންޕޭންކޮށް ރިޝްވަތުދީފައިވާ ކަމަށާއި އެކަމާ ގުޅިގެން ވެސް ހެކި ހުށަހަޅާފައިވާނެ ކަމަށެވެ.
އެ ހުރިހާ މައްސަލަތައް ވެސް ދުވަހުން ދުވަހަށް އިލެކްޝަންސް ކޮމިޝަންގެ ނޭޝަނަލް ކޮމްޕްލަޔަންސް ބިއުރޯ އަށާއި ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ވަކީލުންގެ ޓީމުން ބުންޏެވެ.

ފެލިދޫ ދާއިރާގެ އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބު ކުރެއްވީ 26 ވޯޓުގެ ތަފާތުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު