ތިމަރަފުށީ ދާއިރާގެ އިންތިޚާބު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އިންތިޚާބު ބާތިލު ކުރުމަށް އެ ދައިރާ އަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި އަހްމަދު ޝަރީފް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުﷲ ހަމީދު ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެ ނަމަ ނުވަތަ ޝަރީފްގެ ފަރާތުން ހުށަހެޅި ހެއްކަކު ހާޒިރުކުރަން ކޯޓަށް ފެނިއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާއްވާނެ ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ޝަރީފް ހުށަހެޅުއްވި މައްސަލައިގައި އެދިފައި ވަނީ ތ. ވޭމަންޑޫގެ ޒުވާނުންގެ މަރުކަޒުގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ ބާތިލުކޮށް ދިނުމަށް އެކަންޏެވެ.

ތިމަރަފުށީ ދާއިރާގެ ގޮނޑި އެމްޑީޕީން ވާދާކުރެއްވި މުހައްމަދު މުސްތަފާ ކާމިޔާބު ކުރައްވާފައި ވަނީ ނުވަ ވޯޓުގެ ތަފާތަކުންނެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޝަރީފްގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް ވަނީ ވޯޓު ގަތުމާއި މީހުންގެ އައިޑީކާޑު ހިފެހެއްޓުމުގެ އަމަލުތައް މުސްތަފާގެ ފަރާތުން ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

މުސްތަފާގެ މައްޗަށް ކުރާ ތުހުމަތުތައް ސާބިތުކުރުމަށް 10 މީހެއްގެ ބަޔާން ޝަރީފްގެ ފަރާތުން މިއަދު ވަނީ ހައިކޯޓަށް ހުށަހަޅާފަ އެވެ.

ބަޔާންތަކުގެ އިތުރުން ގަވާއިދާ ޚިލާފަށް މުސްތަފާ ކަންތައް ކުރިކަމަށް ދޭހަވާ ގޮތަށް ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މުސްތަފާ އަމިއްލަފުޅަށް ދެއްކެވި ކަމަށް ބުނާ ވާހަކަތައް ހިމެނޭ ސީޑީއެއް ވެސް ވަނީ ޝަރީއަތަށް ހުށަހަޅައިފަ އެވެ.

މައްސަލަ ކޯޓަށް ހުށަހެޅި އިރު އެ ސީޑީ ހުށަހަޅާފައި ނުވާތީ، ހެއްކެއްގެ ގޮތުގައި އެ ސިޑީ ބަލައިގަނެވެން ނެތް ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ޝަރީފަށް އަންގައިފަ އެވެ.

ޝަރީފްގެ ގާނޫނީ ވަކީލު ދެއްކެވި ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހުސައިން ސިރާޖް ވިދާޅުވީ ހެކީންގެ ބަޔާންތަކަށް ބަލާއިރު އެ ފަރާތްތަކަކީ ރިޝްވަތު ހިފި މީހުންކަން އެނގޭ ކަމަށެވެ.

އެ މައްސަލައިގެ ތެރެއަށް މުސްތަފާ ތަދައްޚުލްވެ ވަޑައިގެންފައިވާ އިރު އޭނާގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރެއްވީ ޖޭއެސްސީގެ ކުރީގެ މެމްބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އެވެ.

ސަލީމް ވިދާޅުވީ ހެކިންގެ ބަޔާންތަކަކީ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ނަގާފައިވާ ބަޔާންތަކެއްކަން ސާފުނުވާ ކަމަށައި ރިޝްވަތުގެ މައްސަލަ ޝަރީފްގެ ފަރާތުން ކަމާބެހޭ ފަރާތަކަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ޝަރީފް ހުށަހެޅުއްވި ހެކީންނަކީ ރިޝްވަތު ހިފި މީހުން ކަމަށާއި އެމީހުން ހެކީންގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު