ސްކޫލް ކުދިންނަށް ހިލޭ ދަތުރުކުރެވޭ ފާހެއް ތައާރަފް ކުރަނީ

ހުޅުމާލެ އާއި މާލެއާ ދޭތެރޭ ދަތުރުކުރާ ސްކޫލް ދަރިވަރުންނަށް، ހިލޭ ދަތުރުކުރެވޭނެ ނިޒާމެއް ހަމަޖެއްސުމަށްޓަކައި "ސްޓޫޑެންޓް ޕާސް" ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ހުޅުމާލެ އާއި މާލެއާ ދޭތެރޭ ފެރީގެ ހިދުމަތްދޭ ސަރުކާރާއި އާންމުން ހިއްސާވާ ކުންފުނީގެ ބިޒްނަސް ޑެވެލޮޕްމަންޓުގެ އެގްޒެކެޓިވް، އިސްމާއީލް ފާރިގު ވިދާޅުވީ، އަލަށް ތައާރަފްކުރާ ފާސް ދޫކުރާނީ، ހުޅުމާލޭގައި ދިރިއުޅޭ، މާލޭގެ ސްކޫލްތަކަށް ދާ ދަރިވަރުންނާއި މާލޭގައި ދިރިއުޅޭ، ހުޅުމާލޭ ސްކޫލްތަކަށް ދާ ދަރިވަރުންނަށް ކަމަށެވެ.

"މި ކާޑަކީ، ހުޅުމާލެ އާއި މާލެއާ ދޭތެރޭ ދަތުރުކުރާ ސްކޫލް ދަރިވަރުންނަށް ހިލޭ ދަތުރު ކުރެވޭނެ ނިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން ދޫކުރެވޭ ފާހެއް. މި ފާހުގައި ދަތުރުކުރުމަށް ކޮންމެ މަހަކު ވަކި އަދަދަކަށް ކްރެޑިޓް ޖަމާކޮށްދެވޭނެ،" ފާރިގް ވިދާޅުވި އެވެ.

އެމްޓީސީސީން ބުނީ، ސްކޫލް ދަރިވަރުންނަށް ދޫކުރާ ފާހުގައި ހުޅުމާލެއާއި މާލެއާ ދެމެދުގައި ދަތުރު ކުރުމަށްޓަކައި، އެޗްޑީސީގައި ސްކޫލް ދަރިވަރެއްގެ ގޮތުގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. އަދި ދަރިވަރުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު، މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހުޅުވާލާފައި ވާކަމަށެވެ.

މިމަހުގެ 20 ވަނަ ދުވަހު އެމްޓީސީސީން "ސްކޫލު ދަރިވަރުންނަށް ހިލޭ ދަތުރުކުރުމުގެ ހިދުމަތް" ދިނުން އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބުނެފައިވާ ފަދައިން، އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަލަށް ތައާރަފް ކުރެވޭ "ސްޓޫޑެންޓް ޕާސް" ބޭނުންކުރަމުން ދާނެކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު