އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ފަށައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މި އަހަރު ބާއްވާ ނިޕޯން ޕެއިންޓް އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ.

މިމަހު 24 އިން އޭޕްރީލް 4 އަށް ކުރިއަށްދާ މުބާރާތް ފެށިގެން ދިޔައީ އިއްޔެ މާފަންނު ދަނޑުގެ އެއް ނަންބަރު ޓާފް ދަނޑުގައި ސްކޫލްތަކުގެ ސަގާފީ ހަރަކާތްތަކާއި ސްކޫލް ބޭންޑުތަކުގެ ހަރަކާތްތަކާ އެކު އެވެ.

މުބާރާތުގައި އިއްޔެ ކުރިއަށް ދިޔައީ 13 އަހަރުން ދަށުގެ ދެ މެޗެކެވެ. އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ކަލާފާނު ސްކޫލާއި އަރަބިއްޔާ ސްކޫލު ބައްދަލުކުރި އިރު، ދެވަނަ މެޗުގައި ރޭ ކުޅުނީ އިމާދުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލެވެ.

މިމުބާރާތުގައި ފިރިހެން ބައިގެ ދެ އުމުރު ފުރައެއް ކުރިއަށްދާ އިރު، އަންހެން ބައިގައި ކުރިއަށްދާނީ ހަމައެކަނި 13 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތަކެވެ. އަންހެން ބައިގެ 13 އަހަރުން ދަށުގައި ބައިވެރިވެފައި ވަނީ، ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލެވެ. މި ދެ ސްކޫލުގެ ދެ މެޗެއް ކުޅުމަށް ފަހު، ތިންވަނަ މެޗެއްގެ ގޮތުގައި ކުޅޭނީ ފައިނަލު މެޗެވެ.

ފިރިހެން ބައިގައި ކުރިއަށް ދާނީ 13 އަހަރުން ދަށުގެ އުމުރުފުރާ އަދި 15 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތަކެވެ. ތޭރަ އަހަރުން ދަށުގެ އުމުރުފުރައިގައި ބައިވެރިވެފައި ވަނީ ކަލާފާނު ސްކޫލާއި އަރަބިއްޔާ ސްކޫލާއި އިމާދުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލާއި ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލާއި ތާޖުއްދީން ސްކޫލު އަދި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ.

ފިރިހެން ބައިގެ 15 އަހަރުން ދަށުގެ އުމުރުފުރައިގައި ބައިވެރިވެފައި ވަނީ ދަރުމަވަންތަ ސްކޫލާއި ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލާއި ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލާއި މަޖީދިއްޔާ ސްކޫލާއި ލަލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް އަދި މުހިއްޔުއްދީން ސްކޭލެވެ.

މި މުބާރާތުގައި މިއަދު ވެސް ކުރިއަށް ދާނީ 13 އަހަރުން ދަށުގެ ދެމެޗެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު 16:30 ގައި ޖަމާލުއްދީން ސްކޫލާއި ބިލަބޮންގް ބައްދަލުކުރާ އިރު، ދެވަނަ މެޗުގައި މިރޭ 20:00 ބައްދަލުކުރާނީ ތާޖުއްދީން ސްކޫލާއި ގިޔާސުއްދީން އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު