ލިބުނު ކާމިޔާބީ އަކީ ރައްޔިތުން މިސަރުކާރު ބަލައިގަންނަ ކަމުގެ ހެއްކެއް: ގާސިމް

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ކާމިޔާބީ އަކީ ދިވެހި ރައްޔިތުން މި ސަރުކާރު ބަލައިގަންނަކަމުގެ ހެއްކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުން ކޯލިޝަނަށް ލިބުނު ކާމިޔާބީއާއި ގުޅިގެން މިއަދު ޖުމްހޫރީ ޕާޓީގެ ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ކޯލިޝަންގެ ހުރިހާ ބޭފުޅުން އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނަށް ފައިދާހުރި ހިދުމަތްތަށް ކޮށްދެއްވުމަށް ކަމަށާއި މަޖިލީހުން ކޯލިޝަނަށް ލިބުނު އަޣްލަބިއްޔަތަކީ ރައްޔިތުން އެ މަސައްކަތްތަށް ބަލައިގަންނަ ކަމުގެ ހެއްކެއްކަމަށެވެ.

ގާސިމް ވިދާޅުވީ މި ލިބުނު ކާމިޔާބީން ސާބިތު ކޮށްދޭ އަނެއްކަމަކީ ރައްޔިތުން ހޭވެރިކަން އާލާވަމުން އަންނަ ކަމަށާއި، ވެރިކަން ހަވާލުކުރުމަށްފަހު މަޖިލީހަށްވެސް އެ ސަރުކާރެއްގެ ބަޔަކަށް ހޯދައި ދެއްވިކަން އެއީ ރައްޔިތުންނަށްޓަކައި އެ ސަރުކާރެއްގެ ގާނޫނީ ވާޖިބުތަށް އަދާކުރުމަށް ފުރުސަތުދޭން ރައްޔިތުން ބެނުންވާ ކަމުގެ ހެއްކެއް ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ މި އިންތިހާބުން ކޯލިޝަންގެ ކެންޑިޑޭޓުން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައި ވީނަމަވެސް ކޯލިޝަންގެ ތެރެއިން ބައެއް ކެނޑިޑޭޓުން އެއް ދާއިރާއަކަށް ވާދަކުރެއްވުމުން ކޯލިޝަނަށް ކާމިޔާބުކުރެވޭނެ ބައެއް ގޮނޑި ގެއްލިފައި ވާކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީން ވާދަކުރި 28 ދާއިރާއަކުން ކުރިން ކޯލިޝަން އާއި އެކު އޮތް އަދާލަތު ޕާޓީން ވާދަކުރުމުގެ ސަބަބުން ކޯލިޝަނަށް ގޮޑި ގެއްލި އިދިކޮޅު ފަރާތްތަކުން ގޮޑި ކާމިޔާބު ކޮށްފައި ވާކަން ގާސިމް ފާހަގަ ކުރެއްވި އެވެ.

މަޖިލިސް އިންތިހާބުގެ މިހާތަނަށް ލިބިފައިހުރި ވަގުތީ ނަތީޖާތަކަށް ބަލާއިރު ސަރުކާރު ހިންގާ ކޯލިޝަނުން 56 ދާއިރާއެއްގެ ގޮނޑި ކާމިޔާބުކޮށްފައި ވެއެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ވަނީ 23 ދާއިރާއެއްގެ ގޮނޑިއެވެ. އަދި އަދާލަތަށް އެއް ގޮނޑި ލިބިފައިވާއިރު އަމިއްލަ ގޮތުން ވާދަކުރި ފަސް ކެންޑިޑޭޓަކު ވަނީ، ގޮނޑި ހޯއްދަވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު