65 ވަރަކަށް ދާއިރާގެ ގޮނޑި ކޯލިޝަނަށް ނެގޭނެ ކަމަށް އުންމީދު ކުރަން: ރައީސް

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރަނގަޅު ކާމިޔާބީއެއް ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ސީއެޗްއެސްއީގައި ބަހައްޓާފައި ހުރި މައްޗަންގޯޅި އުތުރު ދާއިރާ އަށް ވޯޓުލެއްވުމަށް ފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި "ގާތްގަނޑަކަށް 65 ވަރަކަށް ދާއިރާގެ ގޮނޑި" ކޯލިޝަންގެ މެންބަރުންނަށް ކާމިޔާބު ވާނެ ކަމުގެ ވަރަށްބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

ޔާމީން އިތުރަށް ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ބައެއް ސަޕޯޓަރުން އެއްބަޔަކު އަނެއްބަޔަކާ ވާދަކުރުމުގެ ސަބަބުން އެ ދާއިރާތަކުގެ ގޮނޑި ގެއްލުމުގެ ބިރު އެބައޮތް ކަމަށެވެ.

ޔާމީން ވިދާޅުވީ މަޖިލީހުގެ އަގުލަބިއްޔަތު ކޯލިޝަންއަށް ލިބިއްޖެ ނަމަ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އިގްތިސޯދާ ގުޅުން ހުރި ބިލްތަކާއި ގާނޫނުލްއުގޫބާތު ފަދަ ބިލްތައް އަވަހަށް ފާސްކުރެއްވުމަށް ކަމަށެވެ.

މިއަދު ކުރިޔަށްދާ ރައްޔިތުންގެ އިންތިހާބަކީ އަމާންކަމާ އެކު ކުރިޔަށްދާ އިންތިހާބަކަށް ހެދުމަށް ޓަކައި ފުލުހުން ވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ކަމަށާއި އާންމުންގެ ފަރާތުން ވެސް އިންތިހާބަކީ އަމާން އިންތިހާބަކަށް ހެދުމަށް އެއްބާރުލުން ދެއްވުމަށް ރައީސް ޔާމިން އެދިވަޑައިގެންނެވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު