24 ގަޑިއިރު ކަރަންޓް ޔަގީންކުރުމަށް، ބީލަން ކާމިޔާބު ކުރި ފަރާތްތަކާ އެކު ސޮއިކޮށްފި

އަތޮޅުތަކުގެ ރަށްރަށުގައި 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ފެނަކައިން ހިންގާ މަޝްރޫގެ ދަށުން އެ މަސައްކަތުގެ ބިޑް ކާމިޔާބު ކުރި ފަރާތްތަކާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ މަޝްރޫގެ ދަށުން ފެނަކައިން މިއަދު ސޮއިކޮށްފައި ވަނީ އެ މަސައްކަތުގެ ބިޑް ކާމިޔާބު ކުރި ތިން ކުންފުންޏަކާ އެކު އެވެ. އެގޮތުން ޗައިނާގެ ފުޖިއަން ޔަނާން ޕަވާ ކޯޕަރޭޝަން އާއި ސްރީލަންކާގެ ކެލާނީ ކޭބަލްސް ޕަބްލިކް ލިމިޓެޑް ކޯޕަރޭޝަންގެ އިތުރުން ރާއްޖޭގެ ޕަވާ އިންޖީނިއަރިންގް ޕްރައިވެޓް ލިމިޓެޑާ އެކު ފެނަކައިން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެ މަޝްރޫގެ ދަށުން ކަރަންޓްގެ ހާލަތު ވަރަށް ދަށްވެފައިވާ 78 ރަށަކަށް 116 ކިލޯވޯޓާއި ދެ މެގަވޯޓާ ދެމެދުގެ ކަރަންޓް ފޯރުކޮށްދޭ ޖަނަރޭޓަރުތައް ހަވާލުކުރާނެ ކަމަށާއި 13 ރަށެއްގެ ކަރަންޓް ނެޓްވޯކް އަޕްޑޭޓް ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ފެނަކައިން ބުންޏެވެ. އަދި މިހާރު ވެސް ފެނަކައިން ކަރަންޓްގެ ހިދުމަތް ދެމުން ގެންދާ 148 ރަށެއްގެ ކަރަނަންޓުގެ ހިދުމަތް 24 ގަޑި އިރު މެދުނުކެނޑި ލިބޭނެ ގޮތް ހަދާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު ކާނަލް ރިޓާޔަޑް މުޙައްމަދު ނާޒިމް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ފެނަކައިން ކުރައްވާނެ ކަމަށާއި މި މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ކަރަންޓް ފޯރުކޮށްދިނުމަށް ޓަކައި ފައްޓާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށެވެ. އަދި ސަރުކާރުގެ ބަޖެޓްގައި އެ މަޝްރޫއު ހިމަނުއްވާފައި ނެތް ނަމަވެސް ފައިސާގެ ދަތިކަމެއް ނެތި މަޝްރޫއު ފުރިހަމައަށް ކުރިޔަށް ގެންދަވާނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބަޖެޓްގަ ނުޖަހާ ނަމަވެސް ފައިސާ ހޯދާނެ ގޮތް އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަކީ އިކޮނޮމިސްޓެއް. އެ މަނިކުފާނުގެ އިރުޝާދާ އެކީ އަޅުގަނޑުމެން މިވަނީ މިފައިސާ ހަމަޖައްސާފައި. އަދި ކުރިޔަށް އޮތް ދެތިން ދުވަސް ތެރޭ ފައިސާ އެބޭފުޅުންނާ ހަވާލުކުރެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

ރަށްރަށުގައި 24 ގަޑިއިރު ކަރަންޓްގެ ޔަގީންކުރުމަށް ހިންގާ މި މަޝްރޫއު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމަވާ ލައްވާނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު