ސިމްފެރެޕޯލް (މާޗް 17) : ޔުކްރޭއިންގެ ކްރައިމިއާގެ ރައްޔިތުން ބޭނުންވަނީ ޔުކްރޭނުން ވަކިވެ ރަޝިޔާގެ ބައެއްގެ ގޮތުގައި އެސަރަހައްދު އޮތުމަށްކަން އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާއިން ހާމަވުމާ ގުޅިގެން ކްރައިމިއާ، ރަޝިޔާގެ ވެރިކަމުގެ ދަށަށް ގެންދިޔުމަށް އެސަރަހައްދުގެ ސަރުކާރުން ރަޝިޔާއަށް ގޮވާލައިފި އެވެ.
ކްރައިމިއާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ރަޝިޔާ ސަރުކާރަށް ގޮވާލާފައިވަނީ ރައްޔިތުންގެ މިނިންމުމާ އެއްގޮތަށް އެސަރަހައްދު ރަޝިޔާގެ ދަށަށް ގެންދިޔުމަށް އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށެވެ.
ކްރައިމިއާގައި އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓަކީ އަވަށްޓެރި ރަޝިއާގެ ބައެއްގެ ގޮތުގައި އެސަރަހައްދު ހެދުން، ނޫނީ ޔުކްރޭންގެ ދަށުގައި އޮވެ ކްރައިމިއާގެ އަމިއްލަ ވެރިކަމުގެ ބާރުތައް މިހާރަށް ވުރެ އިތުރުކޮށް ފުޅާކުރުން މިދެކަމުގެ ތެރެއިން ކޮންމެވެސް އެއްކަމެއް އިޚްތިޔާރު ކުރުމުގެ ފުރްސަތު ރައްޔިތުންނަށް ދިނުމަށްޓަކައި ނެގި ވޯޓެކެވެ. މިވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވޯޓުލީ މީހުންގެ 95 އިންސައްތަ މީހުން ބޭނުންވަނީ ޔުކްރޭނުން ވަކިވެ ރަޝިޔާގެ ބައެއްގެ ގޮތުގައި އެސަރަހައްދު އޮތުމަށްކަމަށް ކްރައިމިއާގެ އިންތިޚާބާ ބެހޭ މަސްއޫލުވެރިން ވިދާޅުވި އެވެ.
ކްރައިމިއާގެ މަސްއޫލުވެރިންނާ ހަވާލާދީ ބައިނަލްއަގްވާމީ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުން ފެންނަ ނުފެންނަ މިވޯޓުގައި ކްރައިމިޔާގެ އާބާދީގެ ގިނަބަޔަކު ނުކުމެ ވަރަށް ފޯރިއާއެކުވަނީ ވޯޓުލާފަ އެވެ. ރަޝިޔާއިން ވަނީ ކްރައިމިއާ ރައްޔިތުންގެ މިނިންމުމަށް މަރްޙަބާ ކިޔުމަށްފަހު މިނިންމުމަށް އިހްތިރާމް ކުރާނެ ކަމަށް ބުނެފައެވެ.
ކްރައިމިއާގެ ރައްޔިތުންގެ މިނިންމުމާ ގުޅޭގޮތުން ރަޝިޔާގެ ރައީސް ވަލްޑިމޭރު ޕޫޓިން ވިދާޅުވެފައި ވަނީ ކޮންމެ ރައްޔިތަކަށްވެސް އެބައެއްގެ މުސްތަގްބަލާއި ވެރިކަމުގެ ނިޒާމު އެބަޔަކު އަމިއްލައަށް އެކަށައެޅުމުގެ ހައްގާއި މިނިވަންކަމާއި އިހްތިޔާރު އދ. ގެ ޗާޓަރުން ލިބިދީފައިވާ ކަމަށާ އެހެންކަމުން ކްރައިމިއާގެ ރައްޔިތުން މިހޯދީ، އދ. ގެ ޗާޓަރުގެ ދަށުން އެމީހުންނަށް ލިބިދޭ އެމީހުންގެ މުސްތަގްބަލް އަމިއްލައަށް ކަނޑައެޅުމުގެ ހައްގު ކަމުގަ އެވެ. މިހައްގު އެމީހުން ހޯދީ ޑިމޮކްރެޓިކް އުސޫލުތަކުގެ މަތިން ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.
ކްރައިމިއާގެ މަސްއޫލުވެރިން ވަނީ އިއްޔެގެ ވޯޓަކީ ތާރީހީ ވޯޓެއްކަމަށާއި މިވޯޓުގެ ސަބަބުން ކްރައިމިއާގެ މުސްތަގްބަލް އުޖާލާވެ ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ވޯޓެއް ކަމަށް ސިފަ ކުރައްވާފަ އެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމާއެކު ކްރައިމިއާގެ ރައްޔިތުންގެ އެތައް ހާސްބަޔަކު މަގުތަކަށް ނިކުމެ ގެންދަނީ އުފާ ފާޅުކުރަމުންނެވެ.
އަނެއްކޮޅުން ޔުކްރޭންގައި ވެރިކަންކުރާ ހުޅަނގަށް ތާއީދުކުރާ ސަރުކާރުންނާއި އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން ވަނީ މިއީ ޔުކްރޭންގެ ދަސްތޫރާ ހިލާފު ވޯޓެއް ކަމަށްބުނެ މި ވޯޓުގެ ނަތީޖާ ގަބޫލު ކުރުމަށް ދެކޮޅު ހަދައި ބަޔާންތައް ނެރެފަ އެވެ. އަދި ކްރައިމިއާ، ރަޝިޔާގެ ބައެއްގެ ގޮތުގައި ހެދުމާ ބެހޭގޮތުން ނަގާ ވޯޓަކީ ޣައިރު ގާނޫނީ ވޯޓެއްކަމަށް ސިފަކޮށް ސަލާމަތީ މަޖިލީހުން ފާސްކުރަން އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން މަސައްކަތްކުރި ގަރާރާދެކޮޅަށް ރަޝިޔާވަނީ ވީޓޯގެ ބޭނުންކޮށް އެގަރާރު ބާތިލްކޮށްފަ އެވެ.
ކްރައިމިއާ ސަރަހައްދަކީ 1954 ވަނައަހަރާ ހަމަޔަށް ރަޝިޔާގެ ބައެއްގެ ގޮތުގައި އޮތް ސަރަހައްދެކެވެ. 1954 ވަނަ އަހަރު، އެސަރަހައްދު ޔުކްރޭންގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ރައީސެއް ކަމަށްވާ ނިކީތާ ޚުރުސްޗޯވް އެވެ. އޭރުގެ ޔުކްރޭނާއި މިހާރުގެ ރަޝިޔާ (ރަޝިޔަން ފެޑަރޭޝަން) ވެސް އޮތީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ އިއްތިޙާދުގައި ހިމެނޭ ދެ ޖުމްހޫރިއްޔާގެ ގޮތުގަ އެވެ. އެހެންކަމުން އެދުވަސްވަރު މިކަން މައްސަލައަކަށް ވެފައެއްނުވެ އެވެ.
ކްރައިމިއާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ 59 އިންސައްތައަކީ ރަޝިޔާބަހުން ވާހަކަ ދައްކާ ރަޝިޔާ ދަރިކޮޅުގެ މީހުންނެވެ. މީގެއިތުރުން ރަޝިޔާގެ ކަޅުކަނޑުގެ ފްލީޓުގެ މައި މަރުކަޒަކީވެސް ކްރައިމިއާ އެވެ.
އިއްޔެ ވޯޓުގައި ކްރައިމިޔާގެ އާބާދީ ކަމަށްވާ 2.3 މިލިޔަން މީހުންގެ ތެރެއިން 1.5 މިލިޔަން މީހުން ވޯޓުލާފައި ވާއިރު އެސަރަހައްދުގައި ދިރިއުޅޭ ތަރާރު ދަރިކޮޅުގެ މީހުން އިންތިހާބު ބޮއިކަޓް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)