ސެބަސްތަބޫލް (މާޗް 16) : ޔުކްރޭންގެ ކްރައިމިޔާ ސަރަހައްދު ރަޝިޔާއާ އެއްކޮށްލުމާބެހޭ ގޮތުން ނެގުމަށް އެސަރަހައްދުގެ ޕާލަމެންޓުން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުލުމުގެ ކަންތައް ކުރިޔަށްދާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
ކްރައިމިޔާ އިން ލިބޭ ޚަބަރުތައް ބުނާގޮތުން ޔުކްރޭންގެ ގަޑިން މިއަދު ހެދުނު 8:00 ގައި (ޖީއެމްޓީން 6:00 ގައި) ވޯޓުލުންވަނީ ކްރައިމިޔާގެ ހުރިހާ ސަރަހައްދުތަކެއްގައި ވެސް ފެށިފަ އެވެ. މިކަން އިންތިޒާމްކޮށް ބަލަހައްޓަމުން ގެންދަނީ ކްރައިމިޔާގެ ލޯކަލް ސަރުކާރާއި ލޯކަލް ޕާލަމެންޓް ގުޅިގެންނެވެ. ބާރަ ގަޑިއިރަށް ދެމިގެންދާ މިވޯޓުލުމުގައި ވޯޓު ފޮށިތައް ބަންދުކުރަން ފަށާނީ މިރޭ 8:00ގައި (ޖީއެމްޓީން ރޭގަނޑު 6:00 ގައި ކަމަށާ މާދަމާ މިވޯޓުގެ ވަގުތީ ނަތީޖާ އެނގޭވަރުވާނެ ކަމަށް ކްރައިމިޔާގެ އިންތިޚާބާ ބެހޭ މަސްއޫލުވެރިންނާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
ޔުކްރޭންގެ ސަރުކާރުންވަނީ މިވޯޓަކީ ޣައިރު ގާނޫނީ ވޯޓެއްކަމަށް ބުނެފަ އެވެ. ނަމަވެސް ރަޝިޔާ އަށް ތާއީދުކުރާ ކްރައިމިޔާގެ ހަތިޔާރުއެޅި ފަރާތްތަކުގެ ބެލުމުގެ ދަށުން ކުރިޔަށްގެންދާ މިވޯޓަށް ޔުކްރޭންގެ ސަރުކާރަށް ވަފާތެރި ބާރުތަކުން ހުރަސްއަޅަމުން ނުގެންދާ ކަމާއި އަދި މިހާތަނަށް ހަމަނުޖެހުމެއް ވެސް ހިނގާފައިވާކަމުގެ ޚަބަރެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ކްރައިމިޔާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ޔުކްރޭނަށް ތާއީދުކުރާ ތަތާރުންނާއި ޔުކްރޭން ދަރިކޮޅުގެ މީހުން މިވޯޓުގައި ބައިވެރިނުވާ ކަމަށް ވެ އެވެ.
ކްރައިމިޔާގެ އާބާދީގެ 59އިންސައްތައަކީ ރަޝިޔާ ދަރިކޮޅުގެ ރައްޔިތުން ކަމަށްވާތީ މިވޯޓުގެނަތީޖާ ދައްކާނީ އެސަރަހައްދު ޔުކްރޭނުން ވަކިވެ ރަޝިޔާއާ ގުޅުމަށްކަމަށްވަނީ ބެލެވިފަ އެވެ. ޔުކްރޭންގެ އިންތިޚާބީ ސަރުކާރު ވައްޓާލުމަށް ފަހު އުފައްދާފައިވާ ސަރުކާރުންނާއި އެސަރުކާރަށް ތާއީދުކުރާ އެމެރިކާ އާއި ޔޫރަޕްގެ ބާރުތަކުން ވެސް ވަނީ ކްރައިމިޔާގެ ރައްޔިތުންގެ މިވޯޓުގެ ނަތީޖާ ގަބޫލުނުކުރުމަށް ނިންމާފަ އެވެ.
މިއަދު ނަގަމުންގެންދާ މިވޯޓުން ކްރައިމިޔާ، ޔުކްރޭނުން ވަކިވެ ރަޝިޔާއާ ގުޅުމަށް ފެންނަ ކަމަށް އެސަރަހައްދުގެ ރައްޔިތުންގެ އަޣްލަބިއްޔަތުން ނިންމައިފި ނަމަ ކްރައިމިޔާ ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވްވަނީ ވިދާޅުވެފަ އެވެ.
ކްރައިމިޔާގައި މިއަދު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ބާތިލް ވޯޓެއް ކަމަށް ކަނޑައެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ހުޅަނގުން ކުރި މަސައްކަތްވަނީ މުޅިން ނާކާމިޔާބު ވެފަ އެވެ. މިކަންނާކާމިޔާބުވީ ކްރައިމިޔާގެ ވޯޓަކީ ބާތިލް ވޯޓެއްކަމަށް ކަނޑައެޅުމަށްޓަކައި ސަލާމަތީ މަޖިލީހުން ފާސްކުރަން ހުޅަނގުން މަސައްކަތްކުރި ގަރާރަކާ ދެކޮޅަށް ރަޝިޔާއިން އިއްޔެ ވީޓޯގެ ބާރު ބޭނުންކުރުމާ ގުޅިގެންނެވެ. މި ގަރާރު ފާސްކުރުމަށް ސަލާމަތީ މަޖިލީހުގައި ވޯޓަށް އެހުމާ އެކު އެއާދެކޮޅަށް ރަޝިޔާގެ މަންދޫބު ވީޓޯގެ ބޭނުންކުރެއްވުމުންއެމެރިކާއާއި ޔޫރަޕުން ވަނީ މާޔޫސްވެ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.
ހުޅަނގަށް ތާއީދުކުރާ ފަރާތްތަކުން ޔުކްރޭންގެ ވެރިކަން ދަސްތޫރާ ޚިލާފަށް ވައްޓާލި ވައްޓާލުން އެއީ މައްސަލައެއް ކަމަށް ހުޅަނގުން ނުދެކުނު ނަމަވެސް ކްރައިމިޔާ ސަރަހައްދު ޔުކްރޭނުން ވަކިވެ ރަޝިޔާއާ ގުޅުމާބެހޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓަކީ ޔުކްރޭންގެ ދަސްތޫރާ ޚިލާފު ބޮޑު މައްސަލައެއް ކަމަށް ހުޅަނގުން ދެކެ އެވެ. މިމައްސަލާގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު އެމެރިކާއާއި ޔޫރަޕުން ވަނީ ދީފަ އެވެ. ނަމަވެސްޔޫރަޕްގެ ގިނަ ގައުމުތައް ރަޝިޔާގެ ގޭހަށް ބަރޯސާ ވެފައި އީރާނުގެ ނިއުކްލިޔާ މައްސަލަ ފަދަ މައްސަލަތަކުގައި ރަޝިޔާގެ އެއްބާރުލުން ބޭނުންވާތީ މިމައްސަލައާ ގުޅިގެން ރަޝިޔާއާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ހުޅަނގުގެ ގައުމުތަކަށް ނުކެރޭނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. (ނޫސްއެޖެންސީތައް)