ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ބާތިލްކުރުމަށް ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ސިވިލް ކޯޓުގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ އަލީ ނަސީރު ވިދާޅުވީ ޝަރީއަތުން އިތުރު ސުވާލެއް ކުރަން ނުޖެހޭނަމަ ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމަށްޓަކައި ބާއްވާ އަޑުއެހުން ކަމަށެވެ.
މިރޭގެ ޝަރީއަތުގެ މަޖިލީހުގައި އެމްޑީޕީ އާއި އަލްހާންގެ ފަރާތުން ވެސް ވަނީ ޚުލާސާ ބަޔާން ހުށަހަޅާފަ އެވެ.
ޚުލާސާ ބަޔާން ހުށަހަޅުއްވަމުން އެމްޑީޕީގެ ގާނޫނީ ވަކީލު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ އެންމެ ހިތްހަމަޖެހޭ "ސައްތައިންސައްތަ ލިސްޓެއް" ތައްޔާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
އޭނާ ވިދާޅުވީ ޕްރައިމަރީގައި އެމްޑީޕީން އާންމު ކުރި ދެ ލިސްޓުގައި މާބޮޑު ތަފާތެއް ނެތްކަމަށާއި އެހެންކަމުން އިންތިޚާބު ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޕްރައިމަރީގައި ވޯޓުލުމަށްފަހު އެމްޑީޕީގެ އޮފީހަށް ނަތީޖާ ޝީޓް ފޮނުވާފައިނުވާ މައްސަލަ ޝަރީއަތުގެ މަޖިލީހުގައި ވަނީ ފަޅާއަރާފަ އެވެ. އެކަމާ ގުޅޭގޮތުން އެމްޑީޕީގެ ވަކީލު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ ނަތީޖާ ޝީޓް ފޮނުވާފައިނުވާ މައްސަލަ ޕާޓީގެ އޮފީހުން ބަލަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ނަތީޖާ ޝީޓް ނެތުމަކީ އިންތިޚާބު ބާތިލް ކުރަންޖެހޭ ސަބަބެއް ނޫންކަމަށެވެ.
އަލްހާންގެ ފަރާތުން ހުށަހެޅުއްވި ޚުލާސާ ބަޔާނުގައި އެމްޑީޕީގެ ވާހަކަތަކަށް ވަނީ ރައްދުދެއްވާފަ އެވެ.
ޚުލާސާ ބަޔާން ހުށަހަޅުއްވަމުން އަލްހާން ވިދާޅުވީ ޕްރައިމަރީގައި އެމްޑީޕީން އާންމު ކުރި ދެ ލިސްޓަށް ބަލާއިރު 230 ވަރަކަށް ވޯޓުގެ ތަފާތެއް ހުރި ކަމަށާއި އެ ލިސްޓުތަކުގައި ހުރި މައްސަލަތަކަށް ބަލާއިރު ދެވަނަ އަށް ދިޔަ ކެންޑިޑޭޓް އެއްވަނައަށް ގޮސް އަދި އެއްވަނައަށް ދިޔަ ކެންޑިޑޭޓު ދެވަނަ އަށް ދިޔުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
ޕްރައިމަރީގައި ގަވާއިދާ ޚިލާފަށް ހިންގާފައިވާ ކަންތައް ބަޔާންކޮށް ފޭދޫ ދާއުރާގެ އެމްޑީޕީ ރައީސް ވަނީ ރިޕޯޓެއް ތައްޔާރުކުރައްވައި އެމްޑީޕީގެ އޮފީހަށް ހުށަހަޅުއްވާފަ އެވެ. އަލްހާންގެ ފަރާތުން ވަނީ އެ ރިޕޯޓު ވެސް ހެއްކެއްގެ ގޮތުގައި ޝަރީއަތަށް ހުށަހަޅުއްވާފަ އެވެ.