ލީބިޔާގެ އައު ބޮޑުވަޒީރަކަށް އަބްދުﷲ އައްޘަނީ އައްޔަންކޮށްފި

ޓްރިޕޮލީ (މާޗް 12) : ލީބިޔާގެ ޕާލަމެންޓުން އެގައުމުގެ ބޮޑުވަޒީރު އަލީ ޒީދާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުންދުރުކޮށް އައު ބޭފުޅަކު ބޮޑުވަޒީރުކަމަށް އިސްކޮށްފި އެވެ.

ޒީދާން މަގާމުން ދުރުކުރުމަށް ފަހު ބޮޑުވަޒީރުގެ ގާއިމް މަގާމު ކަމަށް (ވަގުތީ ބޮޑުވަޒީރަކަށް) ހަމަޖައްސާފައި ވަނީ ދިފާޢީ ވަޒީރު އަބްދުﷲ އައްޘަނީ އެވެ. އައްޘަނީ ރޭގެ ވަގުތެއްގައި ވަނީ ޕާލަމެންޓްގެ ރައީސް ނޫރީއަލީ އަބޫސަހްމީންގެ ކުރިފުޅުމަތީގައި ބޮޑުވަޒީރު ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާފަ އެވެ. ސަހްމީން ވިދާޅުވީ އަބްދުﷲ އައްޘަނީ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެންފައި ވަނީ ވަގުތީ ގޮތުން ކަމަށާ ދެ ހަފްތާ ތެރޭގައި ޕާލަމެންޓުން އައު ބޭފުޅަކު ބޮޑުވަޒީރު ކަމަށް ޢައްޔަން ކުރާނެ ކަމުގަ އެވެ.

ޒީދާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާފައިމިވަނީ ލީބިޔާގެ ދައުލަތަށް ނުކިޔަމަންތެރި ހަތިޔާރުއެޅި މިލީޝިޔާތަކުން އޭނާގެ ބޮޑުވަޒީރު ކަމުގައި ލީބިޔާގެ ތެލުގެ ބައެއް ބަނދަރުތަކަށް އަތްގަދަކޮށް ލީބިޔާގެ ތެލުގެ ސިނާއަތު ނުރައްކަލުގެ ތެރެއަށް ވައްޓާލައި ގައުމުގެ އިސްތިގްލާލަށް ނުރައްކާވާ ހިސާބަށް ސަލާމަތީ ކަންތައްތައް ދޯދިޔާވުމުން ކަމަށް ޕާލަމެންޓްގެ ރައީސް ނޫރީއަލީ އަބޫސަހްމީން ވިދާޅުވި އެވެ.

ލީބިޔާގެ ހަތިޔާރުއެޅި މިލީޝީޔާއަކުން ކޮންޓްރޯލްކުރާ "އައްސިދްރާ" ތެލުގެ ބަނދަރަށް ސަރުކާރުގެ ހުއްދަނެތި ވަދެ ތެޔޮ ބަރުކުރަމުންދިޔަ އުތުރުކޮރެޔާގެ ދިދަނަގާފައިވާ ތެޔޮ ޓޭންކަރަކަށް މިދިޔަ ހޯމަ ދުވަހު ލީބިޔާގެ ކަނޑުގެ ބާރަކުން އަރައި އެ ޓޭންކަރު ލީބިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައިވާ ކަމަށް އަލީ ޒީދާންގެ ސަރުކާރުން ބުނެފައިވީ ނަމަވެސް ޕާލަމެންޓްގެ ބައެއް މެންބަރުން އިއްޔެ ވިދާޅުވެފައި ވަނީ އެޓޭންކަރު "އައްސިދްރާ" ބަނދަރުން ފުރައިގެން ގޮސްފައިވާ ކަމަށާ ލީބިޔާ ސިފައިންނަށް އެޓޭންކަރު އަތުނުލެވުނު ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އުތުރުކޮރެޔާގެ ދިދަނަގާފައިވާ ތެޔޮ ޓޭންކަރަކަށް ވަނީ ތިރީސް ހަ މިލިޔަން އެމެރިކާ ޑޮލަރުގެ ސާފު ނުކުރާ ތެޔޮ ބަރުކޮށްފަ އެވެ. ހަތިޔާރުއެޅި މިލީޝިޔާތަކުން ލީބިޔާގެ ތެޔޮ ވަގަށް ބޭރުކުރަމުންދާއިރު ވެސް އެކަން ނުހުއްޓުވޭކަމުގެ ތުހުމަތު ޒީދާންގެ ސަރުކާރުގެ މައްޗަށް ކުރެވިފައިވެއެވެ. ލީބިޔާގެ ތެލުގެ ބަނދަރުތަކުގެ ތެރެއިން ތިންބަނދަނރެއް ހަތިޔާރުއެޅިޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށަށްގޮސްފައި ވާތީ ލީބިޔާ އިން ބޭރުކުރާތެލުގެ މިންވަރުވަނީ ގާތްގަނޑަކަށް 60 އިންސައްތަ ދަށަށްގޮސްފަ އެވެ. ހަތިޔާރުއެޅި މިލީޝިޔާތަކުގެ އަތްދަށުގައިވާ މިތިން ބަނދަރަކީ ދުވާލަކު ހަ ލައްކަ ފީފާގެ ތެޔޮ ބަރުކުރުމުގެ ކުރުމުގެ ގާބިލްކަން ލިބިފައިވާ ބަނދަރުތަކެއް ކަމަށް ލީބިޔާގެ ތެލާ ބެހޭ ވުޒާރާ އިން ބުނެ އެވެ.

ދެހާސް އެގާރަ ވަނަ އަހަރު ލީބިޔާގެ ކުރީގެ ޒަޢީމް ކާނަލް މުޢައްމަރުލްގައްޒާފީގެ ވެރިކަން ވައްޓާލުމަށް ފަހު ލީބިޔާގައި އުފައްދާ ސަރުކާރުތަކަށް ކުރިމަތިވަމުންދާ އެންމެ ބޮޑު ގޮންޖެހުމަކީ ގައްޒާފީގެ ވެރިކަން ވައްޓާލުމުގައި ބައިވެރިވި ހަތިޔާރުއެޅި ޖަމާއަތްތަކުގެ ތެރޭން ގިނަ ޖަމާއަތްތައް ދައުލަތަށް ނުކިޔަމަންތެރިކަން ދައްކައި އެމީހުން ދީނީ ގޮތުންނާއި ގަބަލީ ގޮތުން ގެންގުޅޭ ހަރުކަށި ފިކުރުތައް ހަތިޔާރުގެ ބާރު ބޭނުންކޮށްގެން ލީބިޔާގެ މުޖްތަމަޢުގައި ފަތުރަން މަސައްކަތްކުރުމެވެ.
މީގެ އިތުރުން އަމިއްލަ ފަރުދީ އަދި ގަބަލީ އެދުންތައް ގައުމީ މަސްލަހަތަށްވުރެ އިސްކުރުމަށް ޓަކައި ހަތިޔާރުގެ ބޭނުންކުރާ ކަމުގެ ތުހުމަތު ވެސް ސަރުކާރަށް ނުކިޔަމަންތެރި މިލީޝިޔާތަކުގެ މައްޗަށް ކުރެވިފައިވެ އެވެ.

ލީބިޔާގެ ދައުލަތުގެ ކޮންޓްރޯލުން ބޭރުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި މިޖަމާއަތްތައް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް މަގާމުން ދުރުކުރެވުނު ބޮޑުވަޒީރު ޢަލީ ޒީދާންގެ ސަރުކާރު ނުކުޅެދިފައިވާ އިރު މި ނުކުޅެދުމުގެ ފަހަތުގައި ވަނީ ގައްޒާފީގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު ލީބިޔާގައި ހިނގި ދާޚިލީ ހަނގުރާމައިގާ ލީބިޔާގެ ސިފައިންގެ ލަޝްކަރުތައް ރޫޅި ސިފައިންގެ މުއައްސަސާ ބަލިކަށިވެފައިވުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު