އިންޑިއާގެ ޗާޗިލް ބްރަދާސް އަތުން ނިއު ބަލިވެއްޖެ

އޭއެފްސީ ކަޕް 2014ގެ ގްރޫޕް ސްޓޭޖްގައި މިއަދު އިންޑިއާގެ ޗެމްޕިއަން ޗާޗިލް ބްރަދާސްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ 3-0 އިން ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިވެއްޖެ އެވެ.

ގޯއާގެ ޖަވާހަރުލާލު ނެހެރޫ ސްޓޭޑިއަމްގައި މިއަދު ހަވީރު، ކުޅުނު މެޗުގައި ޗަޗިލް ބްރަދާސް އަށް ނިއުގެ ގޯލް ހުޅުވާލަ ދިނީ، މެޗުގެ 31 ވަނަ މިނިޓުގައި ޗާޗިލް ބްރަދާސްއަށް ކުޅޭ ކޮސްޓާރިކާ ފޯވާޑް، ކްރިސްތިއާން ލާގޯސް އެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-0 އިން ޗާޗިލް ބްރަދާސް ކުރީގައި އޮވެގެންނެވެ.

މެޗުގެ 53 ވަނަ މިނިޓުގައި ޗާޗިލް ބްރަދާސް އަށް ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ފުޅާކޮށްދިނީ އެޓީމުގެ ޓްރިނިޑާޑް އެންޑް ޓޮބާގޯގެ މިޑްފީލްޑަރު، އެންތަނީ ވޮލްފޭ އެވެ. އަދި 75 ވަނަ މިނިޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ، ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން ލާގޯސް އެވެ.

ހެޑް ކޯޗެއް ނެތި ވަގުތީ ކޯޗު އިސްމާއީލް އަނިލްގެ އިރުޝާދުގެ ދަށުން ނިއު ކުޅުނު މި މެޗުގައި އިދިކޮޅު ޓީމުގެ ގޯލަށް އެންމެ ފަހަރަކު ވެސް ނުރައްކާ ކޮށްލެވިފައި ނުވާއިރު، އިންޑިއާ ލީގުގެ ފުލުގައި މި ވަގުތު އޮތް ޗާޗިލް ބްރަދާސުން ވަނީ ނިއުގެ ގޯލަށް އަމާޒުކޮށް ހަ ހަމަލާ އުފައްދާފަ އެވެ.


||ނިއުގެ ކުޅުންތެރިން ގޯއާގެ ނެހެރޫ ސްޓޭޑިއަމްގައި މެޗަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން -- ފޮޓޯ: ނިއުރޭޑިއަންޓް||

މުބާރާތުގެ ކުރިން ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބިފައި ނުވާއިރު، ނިއުގެ ކޯޗު އަނިލް ވަނީ، ކުޅުންތެރިންގެ ފިޓްނަސް އާއި ދޭތެރޭގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނިއުގެ ކުރީގެ ކޯޗު، ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު ޕެރޭޒް ގާސިއާގެ އިރުޝާދުގެ ދަށުން، އަދި މިއަހަރު ނިއު ކުޅުނު ވާދަވެރި ފުރަތަމަ މެޗުގައި ސިންގަޕޫރުގެ ހޯމް ޔުނައިޓެޑާ ވާދަކޮށް ނިއުވަނީ 1-0 އިން މޮޅުވެ، ތިން ޕޮއިންޓު ހޯދައިފަ އެވެ.

ގްރޫޕް އީގައި މިއަދު ހޯމް ޔުނައިޓެޑާއި، އިންޑޮނޭޝިއާގެ ޕާސިޕޫރާ ޖަޔަޕޫރާ ވާދަކުރި މެޗު 1-1 އިން ވަނީ އެއްވަރުވެފަ އެވެ.

މި ނަތީޖާ ތަކާއެކު، ގްރޫޕް އީގެ އެއްވަނައިގައި 4 ޕޮއިންޓާއެކު މިހާރު އޮތީ، ޕަސިޕޫރާ އެވެ. އަދި މިއަދުގެ މޮޅާއެކު ތިން ޕޮއިންޓު ހޯދައިގެން ޕޮއިންޓުގެ ގޮތުން ނިއުއާ އެއްވަރުކޮށް ފައިދާ ގޯލްގެ ތަފާތުން ގްރޫޕްގެ ދެވަނަ ޗަޗިލް ބްރަދާސްއަށް ލިބިފައިވާ އިރު، އެއްމެ ޕޮއިންޓަކާއެކު ހޯމް ޔުނައިޓެޑް އޮތީ ގްރޫޕުގެ ފުލުގަ އެވެ.

މި ގްރޫޕްގައި ނިއު ދެން ކުޅޭ މެޗުގައި މިމަހުގެ 18 ވަނަ ދުވަހު ވާދަކުރަން ޖެހޭނީ، ރަށުން ބޭރުގައި ޕަސިޕޫރާއާ ދެކޮޅަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު