މަޖިލީހުގެ ޖަލްސާއެއް މާދަމާ 1:00 ގައި ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެ ވަނަ ޖަލްސާ މާދަމާ، މެންދުރުފަހު ބާއްވަން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ، މާދަމާ މެންދުރު ފަހު 1:00ގައި ކަމަށެވެ. މަޖިލީހުގެ ދައުރުގައި ބާއްވާ ޖަލްސާތައް އާންމުކޮށް ފަށަނީ ހެނދުނު 9:00 ގަ އެވެ. ނަމަވެސް މާދަމާގެ ޖަލްސާ މެންދުރުފަހު ބާއްވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ނިންމެވުމަކަށް ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

މާދަމާގެ ޖަލްސާގައި އެޖެންޑާކުރެވިފައި ވަނީ، ކޮންކޮން ކަންތައްތަކެއްކަމެއް މަޖިލީހުން ހާމަކޮށްފަ އެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ނިންމާފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސްގެ މަގާމުގެ ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ގާނޫނީ ސުވާލުތަކެއް އުފައްދަވާފައި ވަނިކޮށެވެ.

ކައުންސެލް ޖެނަރަލް ނެރުއްވި ގާނޫނީ ލަފާގެ މައްޗަށް ބިނާކޮށް މަޖިލީހުގެ ރައީސާ އަބްދުﷲ ޝާހިދާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިން ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އާއި އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ބަންޑާރަ ނައިބު މުހައްމަދު އަނިލްއަށް ސިޓީ އެއް ފޮނުއްވާފަ އެވެ.

ސިޓީގައި ފާހަގަ ކުރައްވާފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މަގާމުން ވަކިކުރުމާއި އައްޔަން ކުރުމުގެ ބާރު ގާނޫނު އަސާސީ އާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނުން ލިބިދީފައި ވަނީ މަޖިލީހަށް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުމޯޓާ ޝަރީއަތެއް ހިންގުމަށްފަހު ސުޕްރީމް ކޯޓުން ކުރެއްވި ހުކުމަކީ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ނެރުއްވި ހުކުމެއް ކަމަށް އެ ބޭފުޅުންނަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު