ސަރުކާރުން ސުޕްރީމް ކޯޓުގެ ހުކުމްތަކަށް ބާރުވެރިކަން ދޭނަން: ރައީސް

ސަރުކާރުން ރާއްޖޭގެ ގާނުނޫގެ ބާރު ދަމަހައްޓާނޭ ކަމަށާއި އަދި ސަރުކާރުގެ ހުރިހާ ދިމާލަކުން ވެސް، ސުޕްރީމް ކޯޓުގެ ހުކުމްތަކަށް ތަބާވެ އެ ހުކުމްތަކަށް ބާރުވެރިކަން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިހާބުގައި ޕީޕީއެމް ކޯލިޝަންގެ ފަރާތުން ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ނިހާން ހުސައިން މަނިކުގެ ކެމްޕެއިން ލޯޗުކުރުމަށް ވިލިމާލޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ކަންކަމާ ދޭތެރޭގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން އެހެން މުއައްސަސާތަކުގެ އިސްބޭފުޅުން އެ ކަމަށް ފާޑު ވިދާޅުވުމަކީ ތަހުޒީބީ މުޖުތަމައުގައި ކަންކަން ކުރާ ގޮތެއް ނޫން ކަމަށެވެ.

"ކަންކަމާ ދޭތެރޭގައި މައްސަލަ ފައިސަލާކޮށްފައި، ސްޕްރީމް ކޯޓުން ގޮތެއް ނިންމީމައި ތަހުޒީބީ މުޖުތަމައުގައި ކަންތައް ކުރާ ގޮތަކީ އެކަން ކަމަށް ތަބާވެގެން، އެކަންކަމާއިގެން ކުރިއަށް ދިއުން. ހަމަ ގައިމު ވެސް ﷲގެ ވާގުފުޅާއެކީ އަޅުގަނޑުގެ ސަރުކާރުން ގާނޫނުގެ ބާރު ދަމަހައްޓާނަން. ސްޕްރީމް ކޯޓުގެ ހުކުމަށް، އަޅުގަނޑުގެ ސަރުކާރުގެ ހުރިހާ ދިމާލަކުން ވެސް ތަބާވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި އެ ކޮމިޝަންގެ ނާއިބު ރައީސްގެ ގޮނޑި ގެއްލިއްޖެ ކަމަށް ސްޕްރީން ކޯޓުން ހުކުމް ކުރުމާ ގުޅިގެން، އެ ދެ މަގާމަށް މެންބަރު އައްޔަންކުރުމަށް މެންބަރުން ހޯދުމަށް ރައީސް އޮފީހުން މިއަދު އިއުލާނު ކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ސްޕްރީމް ކޯޓުން ދެއްވާފައި އޮތް ހަ ދުވަހުގެ ތެރޭގައި ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ނިންމަވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މާދަން ނޫން އަނެއް ދުވަހު [ބުރާސްފަތި ދުވަހުގެ] ތިނެއް ޖަހަންވާއިރަށް އިރާދަކުރެއްވިއްޔާ ނަންފުޅުތަކެއް އަޅުގަނޑުމެންނަށް ލިބޭނޭ ކަމަށް. ސުޕްރީމް ކޯޓުން ދެއްވާފައި އޮތް ހަ ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ނިންމުންތާކާ ދޭތެރޭގައި ސަރުކާރާ އިދިކޮޅު އެމްޑީޕީން ސުވާލުއުފައްދަމުންދާ ދަނޑުވަޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ސްޕްރީމް ކޯޓުގެ ނިންމުންތަކާ ދޭތެރޭގައި ސުވާލު ނުއުފައްދަވާނެ ކަމަށާއި އަދި އެ ކޯޓުގެ ފަނޑިޔާރުންނަށް ފުރިހަމައަށް އިހްތިރާމް ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އަދުލު އިންސާފުގެ ދާއިރާ އިސްލާހުވާން ޖެހޭ ވާހަކައަކީ ދައްކަން ޖެހޭ ވާހަކައެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"...އޭގެ ތެރޭގައި މައްސަލަތައް ލަސްވާ މައްސަލަ ހުރުމާއި، އަދި އަމުދުން ނުހިނގާ މައްސަލަތައް ހުރިކަން އެމްޑީޕީގެ ބޭފުޅުން ވެސް ގަބޫލުފުޅު ކުރައްވާނެ. ޚުދު ރައީސް ނަޝީދު ވެސް ގަބޫލުފުޅު ކުރައްވާނެ، ހަމަ އަމުދުން ނު ހިނގާ ހުރި މައްސަލަތައް އެތާ އެބަހުރިކަން،" އަދުލު އިންސާފުގެ ދާއިރާ ރަނގަޅު ކުރުމަށް ވާހަކަދައްކާއިރު އެމްޑީޕީން އެކަމަށް މިސާލު ދައްކަން ޖެހޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ. "މި ސަރުކާރުން އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ، އަދުލު އިންސާފު ގާއިމްކުރުމުގަ ސްޕްރީމް ކޯޓުން، ނޫނިއްޔާ އެހެން ކޯޓުތަކުގެ މަރުހަލާތަކުން މައްސަލަތައް ނިމުނީމަ، އަޅުގަނޑުމެން އެޔަކަށް ފާޑެއް ނުކިޔާނަމޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ސްޕްރީމް ކޯޓުގެ ހުކުމްތަކަށް ބާރުވެރިކަން ދޭނަން،"

އެއް ވަނަ ދުނިޔޭގެ ގައުމުތަކުން، ކުދި ގައުމުތަކަށް "ފިލާވަޅުތައް" ނަގައި ދެމުން، އެ ދަސްކޮދޭ ކަންތައްތަކާ ދިމާ އިދިކޮޅަށް ކުދިކުދި ގައުމުތަކުގެ ދާހިލީ ކަންތައްތަކާ ދޭތެރޭގައި "ބަޔާންކުރާ ބަޔާންކުރުންތަކާ ދޭތެރޭގައި" ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ.

"ކުރިން އަޅުގަނޑު ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރަމުން ވެސް ބުނިން، އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ ދާހިލީ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަމާއި ފުރިހަމަ އިސްތިގުލާލު ދިވެހިރައްޔިތުންގެ އަތްމަތީގައި ބާއްވާނަމޭ. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެންގެ ސަރުކާރުން ކުރާނަން،" ރައީސް ވިދާޅުވި އެވެ.

މިމަހުގެ 22 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު "ބޮއިކޮޓް" ކުރަން ޖެހިދާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނަމުންދާ ބުނުމަށް ފާޑުވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، ދަނޑުން ބޭރުގައި ފުޓްބޯޅަ މެޗެއް ކުޅެގެން ނަތީޖާ ނުނެރެވޭނެ ކަމަށާއި، މެޗުގެ ނަތީޖާ ނެރެންޖެހޭނީ ދަނޑުގައި ކުޅެގެން ކަމަށެވެ. އަދި އިސްލާހު ގެންނަން ބޭނުން ކަމަށް ވާނަމަ އަދި ހާއްސަކޮށް ޖުޑީޝަރީއަށް އިސްލާހު ގެންނަން ބޭނުންނަމަ، ރައްޔިތުންގެ މަޖިލީހުގައި ބައިވެރިވުމަށް އެމްޑީޕީގެ މެންބަރުންނަށް ރައީސް ގޮވައިލެއްވި އެވެ.

"އަޅުގަނޑު އެމްޑީޕީގެ ހުރިހާ ބޭފުޅުންނަށް ވެސް ގޮވާލަން ބޭނުންފުޅު ވަނީ، ދިވެހިރާއްޖެއަކީ އަޅުގަނޑުމެން އެންމެންގެ ދިވެހިރާއްޖެ އޭ. މިއީކީ ވަކި އަދާލަތު ޕާޓީގެ ދިވެހިރާއްޖެ އެއް ނޫން. މިއީކީ ވަކި ޕީޕީއެމްގެ ދިވެހިރާއްޖެ އެއް ނޫން. މިއީކީ ވަކި ޖުމްހޫރީ ޕާޓީގެ ދިވެހިރާއްޖެ އެއް ނޫން. މިއީ އަދި އަމުދުން ވަކިން އެމްޑީޕީގެ ދިވެހިރާއްޖެ އެއް ނޫން. މިއީ އަޅުގަނޑުމެން އެންމެންގެ ދިވެހި ރާއްޖެއެއް،" ރައީސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު