ވިގަން އަތްދަށުވެ ސިޓީގެ އުންމީދުތައް ފެނަށް

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ، ވިގަން އެތުލެޓިކް އަތުން، 2-1 އިން ބަލިވެ، މެންޗެސްޓާ ސިޓީ، މި ސީޒަންގައި ޑޮމެސްޓިކް ތިން ތަށި އުފުލައިލުމަށް ކުރަމުން އައި އުންމީދުތައް ފެނަށް ގޮސްފި އެވެ.

އެފްއޭ ކަޕްގެ ފައިނަލްގައި މިދިޔަ ސީޒަންގައި ވާދަކުރި ދެޓީމުގެ ސިޓީގެ އިއްތިހާދުގައި ގައި މިރޭ ވާދަކުރި މެޗުގައި، ފުރަތަމަ ކުރިހޯދީ ވެސް މިސީޒަންގައި ދެވަނަ ޑިވިޝަންގައި ކުޅެމުންއަންނަ ވިގަން އެވެ. މެޗުގެ 27 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން، ޖޯޑީ ގޮމޭޒް، ވިގަންގެ ފުރަތަމަ ލަނޑު ޖަހައިދިނީ، ޖޯޑީ ގޮމޭޒް އެވެ. އަދި ދެވަނަ ހާފް ފެށިގެން ދެވަނަ މިނިޓުގައި ސިޓީގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ވިގަންގެ ނަތީޖާ ފުޅާކުރި ލަނޑު އެޓީމަށް ޖަހައިދިނީ، ޖޭމްސް ޕާޗް އެވެ.

މިދިޔަ ހަފްތާގައި އިނގިރޭސި ލީގު ކަޕް އުފުލައިލި، ސިޓީއަށް މިރޭގެ މެޗުގައި ކާމިޔާބުކުރެވުނު ހަމަ އެކަނި ލަނޑު މެޗުގެ 68 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އެޓީމުގެ ފްރާންސް މިޑްފީލްޑަރު ސާމިރު ނަސްރީ އެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ބާސެލޯނާއަތުން، 2-0 އިން އަމިއްލަ ދަނޑުގައި ބަލިވެ، އަންނަ ހަފްތާގައި ބާސާއާ ކުރިމަތިލުމަށް ތައްޔާރުވަމުންދާ ސިޓީން ވަނީ، މިރޭގެ މެޗުގެ ފަހުހާފުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، އެޑިން ޒެކޯ، ސިޓީއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނުގެ ފުރުސަތެއް ހޯދިނަމަވެސް ވިގަންގެ ކީޕަރު ވަނީ، ހުށިޔާރުކަމާއެކު އެ ފުރުސަތު ބޭކާރުކޮށްލައި، ވެމްބްލީގައި އޮންނަ ސެމީ ފައިނަލުގެ ފުރަތަމަ މެޗުން އާސެނަލްއާ ދެކޮޅަށް ޖާގައެއް ކަށަވަރު ކޮށްފަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުއާޓާ ފައިނަލްގައި އެވަޓަން އަތުން 4-1 އިން މޮޅުވެ ސެމީފައިނަލުގެ ޖާގައެއް އާސެނަލް ހޯދާފައިވާއިރު، މިރޭ ކުއާޓާ ފައިނަލްގައި ކާލްޓަން އެތުލެޓިކު އަތުން 2-0 އިން މޮޅުވެ ޝެފީލްޑް ޔުނައިޓެޑްވަނީ ސެމީގެ ދެވަނަ މެޗުން ޖާގައެއް ކަށަވަރު ކޮށްފަ އެވެ. އަދި ހަލް ސިޓީ ވަނީ، 3-0 އިން ސަންޑަލޭންޑް ބަލިކޮށް ސެމީގެ ދެވަނަ މެޗުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު