ތޯޗޫ އައިލެންޑް ކައިރިން ފެނުނީ ގެއްލުނު ފްލައިޓުގެ ބައިތަކެއް ނޫންކަމަށް ބުނެފި

މެލޭޝިޔާގެ ކުއަލަ ލަމްޕޫރުން ޗައިނާގެ ބެއިޖިން އަށް ދަތުރުކުރަނިކޮށް ގެއްލިފައިވާ މެލޭޝިއާ އެއާލައިންގެ ފްލައިޓު ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ސާޗް އެންޑް ރެސްކިޔުގެ ޓީމަށް މިރޭ ކަނޑުމަތިން ފެނު އެއާކްރާފްޓެއްގެ ބައިތަކެއްކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކީ، އެ ބޯޓުގެ ބައިތަކެއް ނޫންކަމަށް މެލޭޝިޔާގެ ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުން ބުނެފި އެވެ.

ޑިޕާޓްމަންޓް އޮފް ސިވިލް އޭވިއޭޝަން (ޑީސީއޭ)ގެ ޑިރެކްޓަރު ޖެނެރަލް ޑާޓޯ އަޒްހަރުއްދީން އަބްދުއް ރަހްމާން ވިދާޅުވިކަމަށް މެލޭޝިޔާގެ ނޫސްތަކުން ބުނެފައިވަނީ، ވިއެޓްނާމްގެ ތޯޗޫ އައިލެންޑުގެ ހުޅަނގު ދެކުނުން 100 ކިލޯ މީޓަރުގެ ބޭރުން ސިންގަޕޫރުގެ ސާޗް ޓީމަށް ފެނިފައިވާ، އެއާކްރާފްޓެއްގެ ބައިތަކަކާ ވައްތަރު ދެ އެތިގަނޑަކީ، ގެއްލުނު ބޮއިން 200-777ބީ މަރުކާގެ ބޯޓުގެ ބައިތަކެއް ނޫންކަން، ކަމާބެހޭ ފަރާތްތަކުން މިހާރު ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ކެލަންޓަންގެ ޓޮކް ބާލީގެ 100 ނޯޓިކަލް މޭލު ބޭރުން، މެލޭޝިއަން މެރިޓައިމް އެންފޯސްމެންޓް އޭޖެންސީ (އެމްއެމްއީއޭ) އަށް ވަނީ، ކަނޑުތެރެއިން ތެލުގެ އަސަރު ފެނިފައެވެ.

"އެހިސާބު ކަނޑުތެރެއިން ވަނީ، ތެލުގެ އަސަރު ފެނިފައި، އެކަމަކު އެއީ، ގެއްލުނު ބޯޓުން ލީކުވެފައިވާ، ތެޔޮތޯ ޔަގީންކުރުމުގެ މަސައްކަތް ކުރެވެމުން ދަނީ. އަދި އޭގެ ރިޕޯޓު ލިބިފައެއް ނެތް،" އަޒުހަރުއްދީން ވިދާޅުވި އެވެ.

މެލޭޝިއާ އެއާލައިން ފްލައިޓް ނަންބަރު އެމްއެޗް 370 ބޯޓުގައި ތުއްތު ދެ ކުދިންނާއި 227 ފަސިންޖަރުން އަދި 12 ފަޅުވެރިންނާ އެކު ޖުމުލަ 239 މީހުން ދަތުރުކުރި އެވެ. ފަސިންޖަރުންގެ ތެރޭގައި 13 ގައުމެއްގެ މީހުން ހިމެނޭއިރު މީގެތެރޭގައި ޗައިނާގެ 160 މީހުން ހިމެނޭކަމަށް ޗައިނާގެ ޒިންހުވާ ނޫސްއެޖެންސީ ބުނެ އެވެ. އެ ބޯޓު ގެއްލިފައިވަނީ، ކުއަލަ ލަމްޕޫރުން ބެއިޖިންއަށް ފުރިތާ ގަޑިއެއްހާއިރު ފަހުންނެވެ.

މެލޭޝިޔާގެ ސިވިލް އޭވިއޭޝަން ޑިޕާޓުމަންޓުން ބުނީ، ގެއްލުނު ބޯޓު ހޯދުމުގެ މަސައްކަތުގައި ނުވަ ގައުމަކުން 40 ކަނޑުގެ އުޅަނދާއި، 34 އެއާކްރާފްޓް ހަރަކާތްތެރިވަމުންދާއިރު އަދި މިހާތަނަށްއެ ބޯޓުގެ އެއްވެސް ހަބަރެއް ލިބިފައި ނުވާ ކަމަށެވެ. ރެސްކިއު އޮޕަރޭޝަންގައި އެމެރިކާ، ޗައިނާ އަދި އޮސްޓްރޭލިޔާގެ ޓީމުތައް ހިމެނެ އެވެ.

ބޯޓު ގެއްލުނު ހާދިސާ ޓެރަރިސްޓުންނާ ގުޅުމެއް އޮވެދާނެކަމަށް ޝައްކު ކުރެވޭއިރު، މެލޭޝިޔާގެ ތަހުގީގީ ޓީމުތަކުން ދަނީ، ވަގު ޕާސްޕޯޓުގައި އެ ބޯޓުން ދަތުރުކުރި ދެމީހެއްގެ މައުލޫމާތު ސީސީޓީވީ ފޫޓޭޖް މެދުވެރިކޮށް ބަލަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު