ގެއްލުނު ފްލައިޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިއްޖެ

ހޮނިހިރު ދުވަހުގެ ރޭ މެލޭޝިޔާގެ ކުއަލަ ލަމްޕޫރުން ޗައިނާގެ ބެއިޖިން އަށް ފުރި ފަހުން ހަބަރެއްނުވެ ގެއްލިފައިވާ މެލޭޝިއާ އެއާލައިންގެ ފްލައިޓުގެ ބައިތަކެއް ކަމަށް ބެލޭވޭ އެއްޗެހިތަކެއް ކަނޑުތެރެއިން ފެނިފައިވާ ވިއެޓްނާމްގެ ނޭވީން ބުނެފި އެވެ.

ވިއެޓްނާމްގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ، 239 މީހުން ގޮވައިގެން ދަތުރުކުރަނިކޮށް ގެއްލުނު އެމްއެޗް 370 ނަމްބަރު ފްލައިޓުގެ ބައިތަކެއް ކަމަށް ބެލެވޭ ދެ އެތިގަނޑެއް ފެނިފައިވާ ކަމަށާއި އެހެން ނަމަވެސް އަނދިރި ކަމުން އެއީ ބޯޓުގެ ބައިތަކެއް ކަން ޔަގީން ނުކުރެވޭ ކަމަށެވެ.

"މައުލޫމާތި ލިބިފައިވާ ގޮތުގައި، ތޯޗޫ އައިލެންޑުގެ ހުޅަނދު ދެކުނުން ގާތަގަނޑަކަށް 50 މޭލު ބޭރުން އެއާކްރާފްޓްގެ ބައިތަކެއް ކަމަށް ބެލެވޭ ދެ އެއްޗެއް ފެނިފައިވާ ކަމަށް، ވިއެޓްނާމްގެ ނޭވީ ފްލައިޓުން ވަނީ ބުނެފައި،" ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް، ވިއެޓްނާމްގެ ނޭޝަނަލް ކޮމިޓީ ފޯ ސާޗް އެންޑް ރެސްކިޔުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޮފިޝަލާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ، ރޭނގަޑުގެ އަނދިރި ވަގުތެއްކަމުން، ފެނުނު ދެ އެތިގަނޑަކީ ކޮން އެއްޗެއްކަން ރަނގަޅަށް ޔަގީން ނުކުރެވޭތީ، އެތަކެތި ފެނުނު ހިސާބު ފާހަގަކުރުމަށް ފަހު، ނޭވީ ފްލައިޓް އެނބުރި އައިސްފައިވާ ކަމަށެވެ.

ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިފައި ވަނީ، ބޯޓު ގެެއްލުނު ކަމަށް ބެލެވޭ ހިސާބުން ހޮނިހިރު ދުވަހު، ވިއެޓްނާމުގެ ކަނޑުގެ ސިފައިންނަށް ކަނޑުތެރެއިން ތެޔޮތަކެއް ފެނިފައިވާ ހިސާބުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ބީބީސީގައި ބުނެފައި ވަނީ، ގެއްލުނު ބޯޓުން ދަތުރުކުރި ފަސިންޖަރުންގެ އާއިލާތަކަށް ކަމާ ބެހޭ ފަރާތްތަކުން މިހާރު ވަނީ، އެންމެ ހިތާމަވެރި ހާލަތައް ތައްޔާރުވެ ތިބުމަށް އަންގާފައި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު