އިންތިހާބުގައި ބައިވެރިވުމާމެދު ގޮތެއް ނިންމާނީ ގައުމީ މަޖިލީހުން: މޫސަ

މި މަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައިވެރިވުމާމެދު ގޮތެއް ނިންމާނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު ކަމަށް އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސްގެ ގޮނޑި ގެއްލިއްޖެ ކަމަށާއި، އަދި ކޮމިޝަންގެ ހަތަރު މެމްބަރުން ހަ މަސް ދުވަހަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމުން، ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި، އެމްޑީޕީން އަމަލު ކުރާނީ ކިހިނެއްތޯ "ސަން" ކުރި ސުވާލުގެ ޖަވާބުގައި މޫސަ މިރޭ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމް "ސާފު ނުވާ" ކަމަށެވެ.

"ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ، ގާނޫނު އަސާސީގައި އޮތްގޮތުން، ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމާއި ވަކިކުރުމަކީ، މަޖިލީހުން ކުރަންޖެހޭ ކަމެއް،" މޫސަ ވިދާޅުވި އެވެ.

ކުރިއަށް އޮތް އިންތިހާބާ ގުޅިގެން އެމްޑީޕީން ކުރިއަށް ގެންދާ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، އިންތިހާބާގުޅޭ އެއްވެސް ކަމެއްގެ ތެރެއަށް ސްޕްރީމް ކޯޓުން ވަދެއްޖެނަމަ އެމްޑީޕީން އިންތިހާބުގައި ބައިވެރި ނުވާނެ ކަމަށެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވެފައި ވާތީ މޫސާ ވިދާޅުވީ ޕާޓީން ކަންކަން ނިންމާނީ ޕާޓީގެ އެތެރޭގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އިންތިހާބާ ގުޅޭ ގޮތުން އަމަލު ކުރާނެ ގޮތް ނިންމާނީ ޕާޓީގެ ގައުމީ މަޖިލީހުން ކަމަށް މޫސާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕާޓީން ކަންކަން ނިންމަނީ، ޕާޓީގެ ގައުމީ މަޖިލީހުން ނިންމާ ނިންމުމެއްގެ މައްޗަށް. އެހެންކަމުން އިންތިހާބާ ގުޅޭގޮތުން ނިންމަންޖެހޭ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އަޅުގަނޑުމެން ވަރަށް އަވަހަށް ގައުމީ މަޖިލީހުގެ މަޝްވަރާތަކެއް ބާއްވާނަން،" މޫސަ ވިދާޅުވި އެވެ.

ސްޕްރީން ކޯޓުގެ ހުކުމާ ގުޅިގެން، ރައީސް އޮފީހުން މިއަދު ބުނެފައިވަނީ، 22 ގައި ބާއްވަން ހަމަޖެހިފައިވާ އިންތިހާބު ބޭއްވުމަށް ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ވަރަށް އަވަހަށް ކުރާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު