ތަރައްގީ ހާސިލްކުރެވޭނީ އަންހެނުންނަށް ހަމަހަމަކަން ހޯދައިދީގެން: ބަން ކީ-މޫން

މުޖްތަމައުގައި އަންހެނުންނާއި އަންހެން ކުދިންނަށް ހަމަހަމަކަން ހޯދައިދޭން ޖެހެނީ ހަމައެކަނި އެއީ އިންސާނީ ހައްގުތަކުގެ ތެރޭގައި ހިމެނޭ އަސާސީ ހައްގަކަށް ވާތީ ނޫން ކަމަށާއި، ތަފާތު އެތައް ދާއިރާއެއްގެ ކުރި އެރުން އަންހެނުންގެ ހަމަހަމަކަމާއި ގުޅި ލާމެހިފައިވާ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ-މޫން ވިދާޅުވެއްޖެ އެވެ.

މިއަހަރު ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހާ ގުޅުވައިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައި ވަނީ، ސާސްކަފުގެ ތަރައްގީގެ ލަނޑުދަނޑިތަކަށް އަވަހަށް ވާސިލްވުމަށް މިއަހަރުގެ އަންހެނުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރު "އަންހެނުންގެ ހަމަހަމަކަން، އެންމެންގެ ކުރިއެރުން" ވަރަށް މުހިއްމު ކަމަށެވެ.

"ދެޖިންސުގެ ހަމަހަމަކަން ބޮޑަށް ގެންގުޅޭ ގައުމުތަކުގައި އިގްތިސާދު ކުރިއަރާލެއް އަވަސް. އިސް މަގާމުތަކުގައި އަންހެނުންގެ ދައުރު ފުޅާ ކުންފުނިތަކުގެ މަސައްކަތުގެ ފެންވަރު ރަނގަޅު. އަންހެނުންގެ ބައިވެރިވުން އޮންނަ ސުލްހައިގެ އެއްބަސްވުންތަކުގެ އުމުރު ދިގު. އަންހެން މެންބަރުން ގިނައިން ހަރަކާތެރިވާ ގާނޫނު ހަދާ މަޖިލިސްތަކުގައި، ސިއްހަތާއި، ތައުލީމާއި، ތަފާތުކުރުންތަކާއި ދެކޮޅަށް އަދި ކުޑަކުދިންގެ ރައްކާތެރިކަން ފަދަ މުހިއްމު އިޖްތިމާއީ ބިލްތައް ހުށަހެޅޭލެއް ގިނަ،" ބަން ކީ-މޫންގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.

ސެކްރެޓަރީ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތުގައި، އަންހެން ކުދިންނަށް ފަށާ ތައުލީމުގެ ފުރުސަތު ހޯދައިދިނުމާއި، އަންހެނުންނަށް ސިޔާސީ ދާއިރާއިން ފުރުސަތު ހޯދައިދިނުމުގައި ކުރިއެރުންތަކެއް މިހާރު ވެސް ހޯދިފައިވެ އެވެ. އެހެން ނަމަވެސް އެ މަސައްކަތް ކުރިއަށްދާ ދުވެލި އުންމީދު ކުރާވަރަށްވުރެ މަޑު ކަމަށް ވެސް ފާހަގަކުރައްވާފައިވެ އެވެ.

"މިއަދު އުފަންވާ އަންހެން ދަރިޔަކަށް ވެސް އަދިވެސް ނަހަމަ ކަމާއި ތަފާތުކުރުންތަކާ ކުރިމަތިލާން އެބަޖެހޭ. އެކުއްޖާގެ މަންމަ ދުނިޔޭގެ ކޮންމެތަކެއްގައި ދިއުޅުނު ކަމުގައިވީ ނަމަވެސް،" ބަން ކީ-މޫން ވިދާޅުވި އެވެ.

ދުނިޔޭގެ ކޮންމެ ތިން އަންހެނުންގެ ތެރެއިން އެކަކަށް، ދިރިއުޅުމުގެ ހައްގުތައް ގެއްލި، އަނިޔާއާ ކުރިމަތިލާންޖެހިފައިވާއިރު، އެފަދަކަންކަން ހުއްޓުވުމަށް އެންމެން އެއް އަޒުމެއްގައި މަސައްކަތްކުރަން ޖެހޭ ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

"އެއް ފަންތިއެއްގައި މަސައްކަތްކުރާ އަންހެނުންނަށް ވެސް ހަމަހަމަ އުޖޫރައެއް ލިބުމާއި، އެބައި މީހުންނަށް ވެސް ތަފާތު ކުރުމެއް ނެތި ބައިވެރިވާން ބޭނުންވާ އެކިއެކި ހަފްލާތަކުގައި ބައިވެރިވުމާއި، އެ މީހެއްގެ ދިރިއުޅުމުގެ ކަންކަން ނިންމުމުގައި އަމިއްލަ އިހްތިޔާރު ދިނުމާއި، ދަރިން ހޯދަންވީމައާއި އަދި ހޯދާނެ ދަރިންގެ އަދަދު ކަނޑައެޅުމުގައި އިހްތިޔާރު ލިބެންޖެހޭ،" މެސެޖްގައިވެ އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، މިއަދު އުފަންވާ އަންހެން ދަރިންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެނުންނަށް ދެއްވަން ބޭނުންފުޅުވާ މެސެޖަކީ، "އިންސާނީ ހައްގުތަކާއި ހަމަހަމަކަން ހޯދުން ހަގީގަތަކަށް ހެދުމަކީ ދެކޭ ހުވަފެނެއް ނޫން ކަމަށާއި، އެއީން އެންމެހައި ސަރުކާރުތަކާއި، އެކުވެރި ދައުލަތްތަކާއި އަދި ކޮންމެ އިންސާނެއްގެ ވެސް ޒިންމާއެއް" ކަމަށެވެ.

އަންހެނުންނަށް ހަމަހަމަކަން ހޯދައި ދިނުމުގައި ފިރިހެނުންނާއި ފިރިހެން ކުދިން އެބައިމީހުންގެ ދައުރު ފުރިހަމައަށް އަދާކުރުމަށް ވެސް އދ.ގެ ސެކްރެޓަރީ ޖެނެރަލް ގޮވައިލެއްވި އެވެ.

"އަންހެނުންނާއި އަންހެން ކުދިންން؛ ތިމާގެ މަންމަ، ދައްތަ، ކޮއްކޮ، ރަހްމަތްތެރިން އަދި އެކުގައި މަސައްކަތް ކުރާ މީހުންނަށް އެބައިމީހުންގެ ހަގީގީ ބާރު ދައްކާއިލުމަށް ފުރުސަތު ދިނުމުން އަހަރެމެން އެންމެނަށް ވެސް އޭގެ މަންފާ ކުރާނެ،" ބަން ކީ-މޫން ވިދާޅުވި އެވެ.

އދ. ގެ ސެރެޓަރީ ޖެނެރަލް ވިދާޅުވީ، ދުނިޔޭގައި ފަގީރުކަން ނައްތައިލުމާއި، ދެމެހެއްޓެނިވި ތަރައްގީއަކަށް އެންމެ މަސައްކަތްކުރާއިރު އެކަންކަން ހާސިލްކުރުމަށް އަންހެނުން އެބައިމީހުންގެ ހައްގުތައް ހޯދައިދީ، ޖިންސީ ތަފާތުކުރުންތައް ނައްތާލައި، އަންހެނުން ބާރުވެރިކުރުވަން ޖެހޭ ކަމަށެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހަކީ، އަންހެނުން ހޯދާ ކާމިޔާބާއި ކުރިއެރުން ފާހަގަކުރުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. މިދުވަސް ފާހަގަކުރަނީ، ކޮންމެ އަހަރެއްގެ މާޗް މަހުގެ އަށް ވަނަ ދުވަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު