ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމަށް ޑަބްލިޔުއެޗުއޯ އިން އިލްތިމާސްކޮށްފި

ކެއިން ބުއިމުގައި ހަކުރު ހިމަނާ މިންވަރު ދެބައިކުޅަ އެއްބަޔަށް ކުޑަކުރުމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިލްތިމާސްކޮށްފި އެވެ.

އދ.ގެ ސިއްހަތާބެހޭ ޖަމިއްޔާ އިން 2002 ވަނަ އަހަރު ނެރެފައިވާ ގައިޑްލައިންގައި ބުނެފައިވާ ގޮތުން މީހެއްގެ މުޅި ދުވަހުގެ ހަކަތައަށް ބޭނުންވާ ކާނާގައި ހަކުރު ހިމަނަން ޖެހޭނީ 10 އިންސައްތަ އަށެވެ. އެހެން ނަމަވެސް މިހާރު ޑަބްލިޔުއެޗްއޯއިން ބާރުއަޅަނީ، ދުވަހުގެ ކެއިންބުއިމުގައި ހަކުރުގެ މިންވަރު ފަސް އިންސައްތައަށް ވުރެ އިތުރު ނުކުރުމަށެވެ.

ޑަބްލިޔުއެޗްއޯގެ މިންގަޑުން ނަމަ، ބޮޑީ މާސް އިންޑެކްސް، މެދުމިނުގައި ހުންނަ ބޮޑެތި މީހުން ދުވާލެއްގެ މައްޗަށް ބޭނުންކުރަން ޖެހޭނީ، ގާތްގަނޑަކަށް މޭޒުމަތީ ސަމުސާގެ 12 ސަމްސާ ހަކުރެވެ. އެހެން ނަމަވެސް ސިއްހީ ދުޅަހެޔޮކަމަށް ޓަކައި މިހާރު ޑަބްލިޔުއެޗްއޯ އިން ބާރުއަޅަނީ، ދުވަހުގެ ކެއިންބުއިމުގައި ހަ ސަމްސާ ހަކުރަށް ވުރެ އިތުރު ނުކުރުމަށެވެ.

ކެއިންބުއިމުގައި، ހަކުރު ބޭނުންކުރެވޭ މިންވަރު ބެލުމުގައި، ހަކުރު އަޅައިގެން ހަދާފައި ހުންނަ ތަފާތު ކާނާއާއި ބުއިންތަކާއި ގުދުރަތީގޮތުން ހަކުރު އެކުލެވޭ ބާވަތްތައް ކަމަށްވާ، މާމުޔާއި، ތަފާތު މޭވާއާއި ސަރުބަތު ހިމޭނޭ ކަމަށް ވެސް ޑަބްލިޔުއެޗްއޯއިން ބުނެފައިވެ އެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު އޮފް ނިއުޓްރިޝަން ފޯ ހެލްތު އެންޑް ޑެވެލޮޕްމަންޓް ފްރަންސެސްކޯ ބްރަންކާ ވިދާޅުވީ، ކެއިންބުއިމުގައި ހަކުރުގެބައި މަދުކުރުމަށް ކުރެވުނު އިލްތިމާސަކީ، "އާދަޔާހިލާފަށް ފަލަވުމާ" ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ހިންގާ ހަރަކާތްތަކުގެ ބައެއް ކަމުގަ އެވެ.

"ހަގީގަތުގައި ވެސް މިކަންތައް މިވަނީ ވަރަށް ބޮޑަށް ގޯސް ހާލަތެއްގައި. އަހަރެމެން ހިސާބުހަދައިލިއިރު ދުނިޔޭގައި އާދަޔާހިލާފަށް ފަލަވުމުގެ މައްސަލަ ކުރިމަތިވެފައިވާ ބައި ބިލިޔަނެއްހައި މީހުން އެބަ އުޅޭ. އަދި އެ އަދަދު މިދަނީ އިތުރުވަމުން،" އޭނާ ވިދާޅުވި އެވެ.

"އަހަރެމެންނަށް އެބަފެނޭ، ވަރަށް ގިނަ އަދަދެއްގެ ކުދިން، ވަރަށް ޅައުމުރުފުރައިން ފެށިގެން، ގާތްގަނޑަކަށް ފަސް އަހަރު ނުފުރެނީސް، އާދަޔާހިލާފަށް ފަލަވެ ބަރުވުމުގެ މައްސަލަ ކުރިމަތިވާތަން. މިފަދަ މައްސަލަތައް ވަރަށް އާދައިގެ އިގްތިސާދެއް އަދި މެދުމިނު މިނުގެ އިގްތިސާދުގެ ގައުމުތަކުގައިވެސް ވަރަށް ގިނަ."

ޑަބްލިޔުއެޗްއޯގެ ހިސާބުތަކުން ދައްކާ ގޮތުގައި އާދަޔާ ހިލާފަށް ބަރުވެ ފަލަވުމުގެ މައްސަ ކުރިމަތިވެގެން، ސިއްހަތަށް ކުރިމަތިވާ އެކިއެކި ނުރައްކާތެރި ބަލިތަކުގައި، ދުނިޔޭގައި އަހަރެއްގެ މައްޗަށް 2.8 މިލިޔަން މީހުން މަރުވެ އެވެ.

އަދި ހަމަ އެހެންމެ މިހާރު ވެސް ދުނިޔޭގެ ކުޑަކުދިންގެ އާބާދީގައި ހިމެނޭ ފަސް އަހަރުން ދަށުގެ 40 މިލިޔަން ކުޑަ ކުދިންނަކީ އާދަޔާހިލާފަށް ބަރުވެ ފަލަވުމުގެ މައްސަލަ ތަހައްމަލު ކުރަން ޖެހިފައިވާ ކުދިންނެވެ.

ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ސިއްހަތާ ބެހޭ ދާއިރާ އަށް ހަރަދުކުރާ ބަޖެޓުގެ 10 އިންސައްތަ ޑަތުގެ ފަރުވާއަށް ހޭދަކުރާއިރު، އެންމެ ބޮޑު ހޭދައެއް ކުރަންޖެހިފައި ވަނީ، ދަތް ފަނި ކެއުމުގެ މައްސަލައަށް ފަރުވާދިނުމަށް ކަމަށް ފާހަގަކޮށް، ހަކުރު ގިނައިން ބޭނުންކުރުމަކީ ދަތް ފަނިކެއުމަށް ވެސް މެދުވެރިވާ ސަބަބެއް ކަމަށް ސިއްހަތާބެހޭ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

ހަކުރުގެ މިންވަރު ގިނަ ބުއިންތަކާ ދޭތެރޭގައި ސަމާލުވުމަށް އިންޒާރުދެމުން ޑަބްލިޔުއެޗްއޯއިން ބުނެފައި ވަނީ، ހަކުރުއަޅައިގެން ފޮނިކޮށްފައި ހުންނަ އާދައިގެ ސޮޑާ ދަޅެއްގައި ވެސް، 40 ގްރާމް ނުވަތަ 10 ސަމްސާ ހަކުރު އެކުލެވޭ ކަމަށެވެ.

"މިހާރަކަށް އައިސް ކާނާގައި ބޭނުންކުރެވޭ ހަކުރުގެ ބަޔަކީ، ތައްޔާރީ ކާނާގެ ބާވަތްތަކުގައި ފޮރުވިފައި ހުންނަ ބައެއް." ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ އިން ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު