ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލްކުރަން ހުށަހެޅި މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް މައްސަލައެއް ނެތް: އިލެކްޝަންސް

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ އަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ބާތިލްކުރުމަށް ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ހުށަހެޅުއްވި މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް މައްސަލައެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ބާތިލްކުރަން އަލްހާން ހުށަހެޅި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލާ ހަނީފާ ޚާލިދު ވިދާޅުވީ އެ މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް ކޮމިޝަންގެ މައްސަލައެއް ނެތްކަމަށެވެ.

އޭނާ ވިދާޅުވީ ވޯޓު ކަރުދާހުގައި އެ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުގެ ނަން އޮންނާނެ ކަމަށާއި އިތުރު މީހަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ދެން ނުދެވޭނެ ކަމަށެވެ.

މައްސަލަ ހުށަހަޅުއްވަމުން އަލްހާންގެ ގާނޫނީ ވަކީލު ނޫރުބާން ފަހުމީ ވިދާޅުވީ ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލް ކުރުމަށް ކޯޓުގައި އެދޭ ސަބަބަކީ އެ ޕްރައިމަރީ ބާއްވާފައި ވަނީ އުސޫލާ ޚިލާފަށް ކަމަށް ވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ޕްރައިމަރީގައި ވޯޓު ލިއިރު ފޭދޫ ފޮށި ބެލެހެއްޓި އެ ދާއިރާގެ ރައީސް ވެސް އެ އިންތިޚާބުގައި އުސޫލުތަކާ ޚިލާފަށް ކަންތައް ހިނގާފައިވާ ކަމަށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އެކަމުގެ މައްޗަށް ރިޕޯޓެއް ތައްޔާރުކޮށް އެމްޑީޕީ އޮފީހަށް އޭނާ ހުށަހަޅުއްވާފައިވާ ކަމަށް ވެސް ނޫރުބާން ވިދާޅުވި އެވެ.

ފޭދޫ ދާއިރާގެ ރައީސް އެގޮތަށް ވިދާޅުވާއިރު، އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމެޓީގެ މުގައްރިރު ވެސް ޕްރައިމަރީގައި އުސޫލުތަކާ ޚިލާފަށް ކަންތައް ހިނގާފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ނޫރުބާން ވިދާޅިވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނޫރުބާން ވަނީ ވަގުތީ އަމުރަށް އެދި އެކަމަށް އެދުނުގޮތް ތަފްސީލްކޮށް ޝަރީއަތަށް ކިޔައިދީފަ އެވެ.

ނޫރުބާންގެ ވާހަކަތަކަށް ރައްދުދެއްވައި އެމްޑީޕީގެ ވަކީލު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ ވަގުތީ އަމުރު ނެރުމުން ނުކުންނަ ނަތީޖާ އާއި މައްސަލައިގައި އެދިފައިވާ ގޮތަށް ހުކުމް އައިސްފިނަމަ ނުކުންނާނެ ނަތީޖާ އެއްގޮތް ކަމަށެވެ. އެހެންކަމުން ޝަރީއަތް ކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދުގައިވާ ގޮތުން އެފަދަ ހާލަތުގައި ވަގުތީ އަމުރެއް ނެރެދޭން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަގުތީ އަމުރަށާއި ދައުވާ އަށް ލިޔުމުން ޖަވާބުދާރީވުމަށް އެމްޑީޕީއަށް ފުރުސަތު ދެއްވުމަށްފަހު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު