ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ބާތިލްކުރަން ހުށަހެޅި މައްސަލަ މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ބާތިލުކުރުމަށް އެ ދާއިރާގެ މިހާރުގެ މެންބަރު އަލްހާން ފަހުމީ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ މާދަމާ އަށް ތާވަލްކޮށްފި އެވެ.

ސިވިލް ކޯޓުގައި އެ މައްސަލަ ތާވަލްކޮށްފައި ވަނީ މާދަމާ 3:00 އަށެވެ.

އަލްހާންގެ ގާނޫނީ ވަކީލު ނޫރުބާން ފަހުމީ ވިދާޅުވީ މާދަމާގެ އަޑުއެހުމުގައި ވަގުތީ އަމުރާ ބެހޭގޮތުން ވާހަކަދެއްކުން އޮންނާނެ ކަމަށެވެ.

ވަގުތީ އަމުރަކަށް އަލްހާން އެދިފައި ވަނީ އެ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅައި ނިމެންދެން ފޭދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރެއްވި މުހައްމަދު ނިހާދުގެ ކެންޑިޑެސީ ވަގުތީގޮތުން ހިފެހެއްޓުމަށް ޝަރީއަތުން އަމުރެއް ނެރެދިނުމަށެވެ.

ދައުވާގައި އަލްހާން އެދިފައި ވަނީ ފޭދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނިހާދުގެ ކެންޑިޑެސީ ބާތިލްކުރުމަށެވެ.

ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި މާލޭގައި ބެހެއްޓި ފޮއްޓާއި ފޭދޫ ފޮށިން ކުރި ހޯއްދެވީ ނިހާދެވެ. އަލްހާނާ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައި ނިހާދު ވަނީ 361 ވޯޓް ހޯއްދަވާފަ އެވެ. އަލްހާނަށް ލިބިވަޑައިގެންނެވީ 154 ވޯޓެވެ.

ތޫނުއެއްޗަކުން ދިން ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް ބޭސްފަރުވާ ކުރެއްވުމަށް ލަންކާ އަށް ކުރެއްވި ދަތުރުފުޅަށްފަހު މިރޭ 9:30 ގައި އަލްހާން މާލެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު