ފަސް އަހަރު ނިމޭ އިރު ތުލުސްދޫ ދާއިރާގެ ރައްޔިތުން ބޭނުންވާ ތަރައްގީ ލިބިގެންދާނެ: ރައީސް

މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ތުލުސްދޫ ދާއިރާގެ ރައްޔިތުން ބޭނުންވާ ތަރަހައްގީ ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާ އަށް ވާދަކުރައްވާ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ)ގެ ކެންޕޭން ރަސްމީކޮށް އިފްތިތާހު ކުރުމަށް ރޭ ތުލުސްދޫގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަމަވުން ރައީސް ވިދާޅުވީ މި ފަސް އަހަރު ނިމޭއިރު ތުލުސްދޫ ދާއިރާގެ ރައްޔިތުން އެދޭ ތަރައްގީގެ އިތުރުން އިތުރު ތަރައްގީ ވެސް އެ ދާއިރާގެ ރަށްތަކަށް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ ފަސް އަހަރު ނިމިގެންދާ އިރު މި ދާއިރާ އިން ތިޔަ އެދިވަޑައިގަންނަވާ ތަރައްގީ އާއި އިތުރު ތަރައްގީ ލިބިވަޑައިގަންނަވާނެ ކަމާ ދޭތެރޭ ޝައްކު ނުކުރައްވާށޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތުލުސްދޫ ބިން ހިއްކުމުގެ މަސައްކަތުގެ އެގްރީމެންޓުގައި ބޮސްކާލިސް އިންޓަނޭޝަނަލްއާ އެކު ސޮއިކުރެވިފައިވާ އިރު، ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި އެ ރަށުގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް މިދިޔަ އަހަރު ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ދާއިރާގެ ރަށްތަކުގެ ތެރެއިން ދިއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަ ކަމަށާއި އެކަން ހައްލުކުރުމަށް އެރަށުގައި އިރުން ހަކަތަ އުފެއްދުމަށް ބަޔަކާ ހަވާލުކުރެވިވާ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހިންމަފުށީގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ވެސް މިއަހަރު ފެށޭނެ ކަމަށެވެ.

ހުރާގެ ޒުވާނުން އެދޭގޮތަށް އެރަށު ފުޓުބޯޅަ ދަނޑު ތަރައްގީކޮށްދެއްވާނެ ކަމަށާއި އެރަށުގެ ބިމުގައި ޖާގަނެތް މައްސަލަ ހައްލު ކުރުމަށްޓަކައި ބިން ބޮޑުކުރުމުގެ މަޝްރޫއެއް މިއަހަރު ފައްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންނަށް ބޭނުންވާ ކަންތައް ކޮށްދޭން އަޒުމުކަނޑައަޅައިގެން ސަރުކާރުން މަސައްކަތް ކުރާއިރު، ރައްޔިތުންގެ މަޖިލީހުން ލިބެންވާ އެއްބާރުލުން ލިބުމަކީ ފައިދާވާނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"...ޝައްކެއް ވެސް ނެތްގޮތުގައި އެއީ އަޅުގަނޑުމެންނަށް ފައިދާ ވާނެ ކަންކަން. އޭރަށް ރައްޔިތުން ބޭނުންވާ ސްޕީޑުގައި ރައްޔިތުން އެދިވަޑައިގަންނަވާ ދުވެލީގައި މިކަންކަން ފޯރުކޮށްދެވޭނީ. ރައްޔިތުންގެ މަޖިލީހުގައި މައްސަލަތައް ހުއްޓިފައި ހުރި މިންވަރު އެނގިވަޑައިގަންނަވާނެ. ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތައް ވެސް ހުއްޓިފައި ހުރި މިންވަރު އެނގިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވި އެވެ.

ރޭގެ ހަފްލާގައި ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ބައިވެރިވެވަޑައިގަތެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު