މީޑިއާ ކައުންސިލްގެ ނާއިބު ރައީސް ވެސް އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ ގޮނޑި ހުސްވެފައިވަނިކޮށް އެ ކައުންސިލްގެ ނާއިބު ރައީސް ވެސް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެމްއެމްސީގެ ނާއިބު ރައީސް ޖައުފަރު ރަޝީދުގެ އިސްތިއުފާއާ ގުޅޭ ގޮތުން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތު "ސަން"އަށް މިރޭ ވިދާޅުވީ، ނާއިބު ރައީސް އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބަކަށްޓަކައި ކަމަށް ސިޓީއަކުން އަންގަވާފައިވާ ކަމަށެވެ.

"ނާއިބު ރައީސް ފޮނުއްވި ސިޓީގައި ލިޔުއްވާފައި ވަނީ، އިސްތިއުފާ ދެއްވަނީ، [ޕާސަނަލް ރީޒަން] އެއްގައި ކަމަށް. އެއަށްވުރެ އިތުރަށް ވިދާޅުވެފައެއް ނުވޭ،" ފަރުޝަތު ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ ނާއިބު ރައީސްކަމުގެ މަގާމަށް ޖައުފަރު ރަޝީދު އިންތިހާބުކޮށްފައި ވަނީ، މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުގެ މައްސަލައިގައި އެ ކައުންސިލްގެ މެންބަރު އަބްދުﷲ މުއާޒް ވަނީ، މިއަދު ސިވިލް ކޯޓަށް މައްސަލަ އެއް ހުށަހަޅުއްވައިފަ އެވެ.

ކައުންސިލްގެ ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި، ހުޝާމް މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މި މަހުގެ ތެރޭގައި ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ކައުންސިލުން ވަނީ، ރައީސްކަމުގެ މަގާމަށް މުއާޒު ހޮވައިފަ އެވެ. އެހެން ނަމަވެސް ރައީސަކު ހޮވަން ބޭއްވި ޖަލްސާއަކީ އިޖުރާއަތުތައް ފުރިހަމަނުކޮށް ބޭއްވި ޖަލްސާއެއް ކަމަށް ބުނެ އެ ޖަލްސާއަކީ ބާތިލު ޖަލްސާއެއް ކަމަށް ކައުންސިލުން ކަނޑައެޅުމުން މުއާޒަށް ވަނީ، ރައީސް ކަމުގެ މަގާމު ގެއްލިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު