ޖަނަރޭޓަރުތައް ހަލާކުވެ ފުޅަދު އަށް ކަރަންޓް ފޯރުކޮށްދިނުމަށް ދަތިވެފައި

ބ. ފުޅަދޫ އިންޖީނުގޭގެ ޖަނަރޭޓަރުތައް ހަލާކުވެ ރަށަށް ކަރަންޓް ފޯރުކޮށް ދިނުމަށް ދަތިވެފައިވާ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ފުޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޔާޒް "ސަން"އަށް ވިދާޅުވީ ގާތްގަނޑަކަށް 350 މީހުންގެ އާބާދީއެއް އޮންނަ އެރަށު އިންޖީނުގޭގެގައި ބޭނުންކުރަމުން އަންނަނީ 32 ކިލޯވޯލްޓްގެ ދެ ޖަނަރޭޓަރު ކަމަށެވެ. އަދި އެތަނުން އެއް ޖަނަރޭޓަރު މީގެ ފަސް މަސް ކުރިން ހަލާކުވެފައި ވާ ކަމަށާއި ދެން ހުރި 32 ކިލޯވޯޓްގެ ޖަނަރޭޓަރުން ރަށަށް އެކަށީގެންވާ ވަރަށް ކަރަންޓް ނުލިބޭ ކަމަށެވެ.

އެ ޖަނަރޭޓަރުން އެކަށީގެންވާ ވަރަށް ރަށަށް ކަރަންޓް ނުލިބި އިންޖީނު "އޯވާ ލޯޑް" ވެގެން އިއްޔެގެ ވަގުތެއްގައި އެ އިންޖީނު ވެސް ނިވިފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ. އޭގެ ސަބަބުން ރަށު ކައުންސިލަށާއި ރައްޔިތުންނަށް އެކި ކަންތައްތަކުގައި ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތި ވެފައިވާ ކަމަށާއި "އިރުއިރުކޮޅާ" ކަރަންޓް ކެނޑޭތީ ކައުންސިލްގެ ކޮމްޕިއުޓަރުތައް ހަލާކުވެފައި ވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"32 ކިލޯ ވޯޓްގެ އެންމެ ޖަނަރޭޓަރެއް ބޭނުން ކުރުމުން އެއްވެސް އޯވާ ލޯޑްވެގެން މިހާރު ނިވިއްޖެ. ދެން ރަށުގެ ވިޔަފާރިވެރިންގެ ފިހާރަތަކުގެ ފްރިޖް ތަކުގަ ހުންނަ ތަކެތި ހަލާކުވެ ކައުންސިލްގަ ބޭނުންކުރާ ހުރިހާ ކޮމްޕިއުޓަރ ސިސްޓަމްތަކެއް ވެސް މި ވަނީ މިހާރު ހަލާކުވެފަ. އަޅުގަނޑުމެންގެ ލެޕްޓޮޕުން ކުރެވުނު މަސައްކަތެއް މިކުރަނީ މިހާރު،" ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ފަރާތުން ވެސް އެތަކެއް ޝަކުވާތަކެއް އެކަމާ ގުޅިގެން ކައުންސިލަށް ހުށައަޅަމުން ގެންދާ ކަމަށާއި ކަރަންޓްގެ މައްސަލައަށް ހައްލެއް ލިބޭތޯ ފެނަކާގައި ތަކުރާރުކޮށް އެދެމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ހައްލެއް ލިބިފައި ނުވާކަމަށް ކައުންސިލްގެ ރައީސް މުހައްމަދު ނިޔާޒް ވިދާޅުވިއެވެ.

އެކަމާ ބެހޭގޮތުން ފެނަކާގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު