ހދ. މަކުނުދު އިން "އިރުއިރުކޮޅާ" ކަރަންޓް ކެނޑޭތީ، ރަށުގެ އިންޖީނު ގެއަށް ރައްޔިތުން ވަދެ، ޖަނަރޭޓަރުތައް ނިއްވާލައި، ރަށު ކައުންސިލް އިދާރާ ކުރިމަތީގައި އަލިފާންގަނޑެއް ރޯކޮށްފި އެވެ.
މަކުނުދޫ ކައުންސިލްގެ ރައީސް، މުހައްމަދު ރިލްވާން "ސަން"އަށް މިރޭ ވިދާޅުވީ ބައި ގަޑިން، ބައި ގަޑިން ކަރަންޓު ކެނޑޭތީ ރަށުގެ ޒުވާނުންގެ ތެރެއިން ގިނަބަޔަކު ނުކުމެ، ޖަނަރޭޓަރުތައް ނިއްވާލާފައިވާ ކަމަށެވެ.
"ކަރަންޓުގެ މައްސަލަ ދިމާވާތާ ވަރަށް ދުވަސް ވެއްޖެ. މައްސަލަ ހޫނުވީ، މިއަދުގެ ގިނަ ވަގުތު މި ދިޔައީ، ކަރަންޓު ދޫކޮށްފައިވާ ތިން ލޭންގެ ތެރެއިން ދެ ލޭނުން، ބައިގަޑިން ބައިގަޑިން ކަރަންޓު ކަނޑަމުން ދިޔައިމަ. އެކަމާ ރު ޅިއައިސްގެން ރައްޔިތުންގެ ބަޔަކު ބުނީ، ކަރަންޓު ދެންޏާ ރަނގަޅަށް ދޭނީއޭ އެ ނޫނީ އިންޖީނުގެ ބަންދު ކުރާނީއޭ. އެގޮތުން މިހާރު ހުރިހާ އިންޖީނުތަކެއް ނިއްވާލާފައި،" އިލްވާން ވިދާޅުވި އެވެ.
ރިލްވާން ވިދާޅުވީ، ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް، ފެނަކައަށް ވެސް ދަންނަވާފައި ވާނޭ ކަމަށެވެ. އެހެން ނަމަވެސް އަދި ވެސް އެ ކަމަށް ހައްލެއް ނުލިބި ރައްޔިތުންނަށް މާލީ ގޮތުން ވެސް ތަފާތު ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ.
"މި ރަށަކީ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅު ރަށެއް. އެހެން ކަމުން ރައްޔިތުންގެ ގިނަ ބަޔަކު، އޭސީ، ރެފްރިޖެރޭޓާ ފަދަ ތަކެތި ބޭނުންކުރޭ. ދެން މި ވާގޮކީ، ރަށުގައި ހުންނަ ތިން އިންޖީނުން ރައްޔިތުންނަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށެއް ނުދެވޭ،" ރިލްވާން ވިދާޅުވި އެވެ. "ދިރިއުޅުމުގެ ހުރިހާ ކަމެއް މި އޮންނަނީ ކަރަންޓާ ގުޅިފައި. މިކަމުގެ ސަބަބުން ރައްޔިތުންނަށް މާލީ ގޮތުން ވެސް ތަފާތު މައްސަލަތައް ދަނީ ދިމާވަމުން،"
ރިލްވާން ވިދާޅުވީ، އެ ރަށު ޒުވާނުންގެ ތެރެއިން 70 ވަރަކަށް މީހުން ނުކުމެ، ރަށުގެ ކަރަންޓު އެއްކޮށް ކަނޑާލައި، މިވަގުތު ތިބީ، ރަށު ކައުންސިލް އިދާރާގެ ކުރިމަތީގައި އަލިފާންގަނޑެއް ރޯކޮށްގެން ކަމަށެވެ.
މަނުކުދޫއަށް ކަރަންޓު ދެނީ 80 ކިލޯ ވޯލްޓުގެ ޖަނަރޭޓަރަކާއި 117 ކިލޯ ވޯލްޓުގެ ޖަނަރޭޓަރަކާއި 136 ކިލޯ ވޯލްޓުގެ ޖަނަރޭޓަރަކުންނެވެ. އެ ޖަނަރޭޓަރުތަކުގެ ތެރެއިން އެންމެ ބޮޑު ޖަނަރޭޓަރު 136 ކިލޯވޯލްޓުގެ ޖަނަރޭޓަރު ވަނީ ހަލާކުވެފަ އެވެ.
މަކުނުދޫ އިންޖީނުގެ ހިންގުމާ ހަވާލުވެ ހުންނެވި، ޖަބީން އަލީ ވިދާޅުވީ ރަށަށް ކަރަންޓުދޭ ބޮޑު ޖަނަރޭޓަރު ހަލާކުވެފައިވާއިރު، އަނެެއް ދެ ޖަނަރޭޓަރު ވަނީ އޯވަހޯލް ކުރަން ޖެހިފައި ކަމަށެވެ.
ސޯޅަސަތޭކައެއްހާ މީހުންގެ އަބާދީއެއް އޮންނަ މަކުނުދޫއަށް ކަރަންޓު ދިނުމަށް 196 ކިލޯވޯލްޓު ޖަނަރޭޓަރެެއް ބޭނުންވާ ކަމަށް ޖަބީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަށުން "އިރުއިރުކޮޅާ" ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވާތީ، ކަރަންޓް މަދުން ބޭނުން ކުރުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށެވެ.
"މި މައްސަލަ ހައްލު ކުރެވޭނެ ގޮތެއް އަދިއެއް ނެތް. ކަރަންޓް މަދުކުރަން އެންގުމުން، ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީނުގެއަށް ވަދެގަތީ،" މަކުނުދޫ އިންޖީނުގެ ހިންގުމާ ހަވާލުވެ ހުންނެވި، ޖަބީން އަލީ ވިދާޅުވި އެވެ.
މަކުނުދޫ ރައްޔިތުންގެ ތެރެއިން، އިހްތިޖާޖު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ޝަކީބު ބުނީ، އެ ރަށުގައި ކަރަންޓުގެ މައްސަލަ ހައްލުނުވެ، ދި ގުދެމިގެންދާތާ އަށް މަސްދުވަހަށް ވުރެ އިތުރުވެދާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ، މި ކަމަށް ދާއިމީ ހައްލެއް. އިރު އިރުކޮޅުން ކަރަންޓު ނުލިބުނަސް އެންމެ ރަނގަޅު،" ޝަކީބު ބުންޏެވެ.