ހުސްނުވާ އާސަންދައިގެ ދަށުން ކިޑްނީ އާއި ލިވާ ވެސް ބަދަލުކުރެވޭނެ: ރައީސް

މި ސަރުކާރުގެ ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމު "ހުސްނުވާ އާސަންދަ" ޕްރޮގްރާމުގެ ދަށުން ކިޑްނީ އާއި ލިވާ ވެސް ހިލޭ ބަދަލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހުސްނުވާ އާސަންދަ އިފްތިތާހުކުރުމަށް މިރޭ ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކިޑްނީ އާއި ލިވާ ބަދަލުކުރުމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރާނީ ސަރުކާރުން ކަމަށެވެ.

"މިރޭ އަޅުގަނޑު މިދަންނަވަނީ، ﷲގެ ރަހްމަތާ އެކު މި ލޯންޗުކުރެވޭ ހުސްނުވާ އާސަންދަ ޕްރޮގްރާމުގެ ދަށުން، ބަދަލުކުރަން ބޭނުންވަނީ ކިޑްނީއެއް ކަމަށް ވަންޏާ، މި ޕްރޮގްރާމުގެ ދަށުން ކިޑްނީ ގެންދަވާށޭ. ބަދަލުކުރަން ބޭނުންވަނީ، ލިވާ ކަމުގައި ވަންޏާ، މި ހުސްނުވާ އާސަންދަ ޕްރޮގްރާމުގެ ދަށުން ލިވާ ވެސް ގެންދަވާށޭ. އަޅުގަނޑުމެން އެކަމަށް ބޭނުންވާ ހުރިހާ ހޭދައެއް ކޮށްދޭނަމޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ބޭސް ފަރުވާގެ ނިޒާމަކީ އެއްވަނަ ދުނިޔޭގެ ގައުމުތަކުގައި ދެވޭ ފެންވަރުގެ ބޭސްފަރުވާގެ ނިޒާމަކަށް ހެދުމަށް ކަމަށެވެ.

ބޮޑެތި ބަލިތަކުގައި ފަރުވާހޯދަމުންދާ ފަރާތްތަކަށް "ގުނަވަންތައް ބަދަލުކުރަން ޖެހޭ ހިސާބަށް ދިޔައިމާ، ގުނަވަންތައް ބަދަލުކޮށްދިނުމަކީ، ދައުލަތުގެ ހިލޭ އެހީގައި ކޮށްދެވޭ ކަމަކަށް ހެއްދެވޭތޯ މަސައްކަތް ކޮށްދެއްވާނޭ ކަމަށް،" ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމަނިކުފާނު ވިދާޅުވެފައި ވާނެކަމަށް ރައީސް ވިދާޅުވި އެވެ.

"އަދު އާސަންދައިގެ ހާލަތު އޮތްގޮތަކީ، ކޮންމެ މީހަކަށް މި އޮންނަނީ އެއް ލައްކަ ރުފިޔާގެ ލިމިޓެއް. އެމީހާ ކިތަންމެ ބޮޑު ބައްޔެއް ވީކަމުގައިވީ ނަމަވެސް، ކިތަންމެ ބޮޑު ހަރަދެއް ކިތަންމެ ބޮޑު ހޭދައެއް ކުރަން ޖެހުނު ކަމުގައިވީ ނަމަވެސް 100000ރ. ހަމަވީމާ އެ ނިމުނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޑައިލިސިސް ހެދުމަކީ ކިހާ ވަރެއްގެ އުނދަގުލަކާއި ކުރިމަތިލާންޖެހޭ އަދި ކިހާވަރެއްގެ ހަރަދެއްދާ ކަމެއްކަން އެންމެ ރަނގަޅަށް އިހްސާސް ކުރެވޭނީ، ކިޑްނީގެ ބަލީގައި އުޅޭ މީހަކަށް ކަމަށެވެ.

"އެތައް ދުވަހެއް ވަންދެން ޑައިލިސިސް ހަދާފައި، އެތަކެއް ދުވަސް ވަންދެން ވަކިން ކިޑްނީއެއް، ނުވަތަ އޭނަގެ ހަށިގަނޑާއި ގުޅޭ ގުނަވަނެއް ހޯދުމަށް މަސައްކަތް ކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ. "ލިވާ ޓްރާންސްޕްލާންޓް ހަމަ މިކަހަލަ ކަމެއް. ހަމަ އެކަނި ކިޑްނީ ބަދަލުކުރާ ކަމަށް ވަންޏާ، މިދެންނެވި ހަރަދުތައް ކުރުމުގެ އިތުރަށް ހަމަ އެކަނި ކިޑްނީ ބަދަލުކުރުމުގެ ހަރަދަކީ ވެސް 15،000 އެމެރިކާ ޑޮލަރު. ލިވާ ބަދަލުކުރުމުގެ ހަރަދަކީ، 50،000 އެމެރިކާ ޑޮލަރު. އަޅުގަނޑު އޭރު ދެންނެވިން، އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ މިކަންކަމަށް އިޖާބަ ދޭނަމޭ،"

މި ސަރުކާރަށް 100 ދުވަސް ފުރުނު ދުވަހު ތައާރަފް ކުރެވުނު ހުސްނުވާ އާސަންދައަކީ އެމަނިކުފާނުގެ ސަރުކާރުން ދިވެހި އެންމެހައި ރައްޔިތުންނަށް އަރުވާ ހަދިޔާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު