ޓެކްނިކަލް މައްސަލައެއް ދިމާވެގެން މޯލްޑިވިއަންގެ ބޯޓެއް އަނބުރާ ގަމަށް ޖައްސައިފި

މިއަދު ހަވީރު އައްޑު އަތޮޅު ގަމުން މާލެއަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް، ދަތުރުފެށިތާ 10 ވަރަކަށް މިނިޓުތެރޭގައި ޓެކްނިކަލް މައްސަލައެއް ދިމާވެ، އަނބުރާ ގަމަށް ޖައްސައިފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިރޭ "ސަން" އަށް ވިދާޅުވީ، އެ ބޯޓު އަނބުރައި ގަމަށް ޖެއްސީ ބޯޓުގެ އިންޑިކޭޓަރަށް މައްސަލައެއް ދިމާވުމުން ކަމަށެވެ.

"މާކަބޮޑު މައްސަލައެއް ދިމާވީކީ ނޫން. އެއީ ބޯޓުގެ އިންޑިކޭޓާ ލައިޓަށް ދިމާވި ކުޑަކުޑަ ޓެކްނިކަލް މައްސަލައެއް. އެކަަމަކު އެފަދަ ކިތަންމެ ކުޑަކަމެއް ދިމާވިޔަސް އަޅުގަނޑުމެން ހަމަޖައްސާފައި މިއޮންނަނީ، ރިސްކު ނުނަގަން. އެހެންވެ ބޯޓު އަނބުރައި ގަމަށް ޖެއްސީ،" ނަޝާތު ވިދާޅުވި އެވެ.

ނަޝާތު ވިދާޅުވީ، ބޯޓު އަނބުރާ ގަމަށް ޖެއްސީ، މިއަދު ހަވީރު 4:30 ކަންހާ އިރު ކަމަށެވެ. އަދި ބޯޓުގައި ޓެކްނިކަލް މައްސަލައެއް އުޅޭކަން ފާހަގަކުރެވުނީ، ފުވައްމުލަކާ ހިސާބަށް ދަތުރުކުރެވުނު ފަހުން ކަމަށެވެ.

"ބޯޓަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. މިކަމުގައި އެއްވެސް ފަރާތަކަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައެއް ނުވޭ،" ނަޝާތު ވިދާޅުވި އެވެ.

ނަޝާތު ވިދާޅުވީ، ޓެކްނިކަލް މައްސަލަ ދިމާވި، މޯލްޑިވިއަންގެ ފްލައިޓުން މިއަދު ދަތުރުކުރި 50 ވަރަކަށް ފަސިންޖަރުން މާލެއަށް ފޮނުވުމަށްޓަކައި އެ އެއާލައިންގެ އިތުރު ބޯޓެއް ގަމަށް ދަތުރުކުރަމުންދާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު