ވިލާ ކޮލެޖު އަތުން ވިލާ ހައި ސްކޫލް މޮޅުވެއްޖެ

ކޮލެޖްތަކާއި ޔުނިވާސިޓީތަކުގެ މެދުގައި ބާއްވާ ދެވަނަ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގައި އިއްޔެ ހަވީރު ކުޅުނު މެޗު ވިލާ ކޮލެޖް އަތުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މިމެޗުން ވީއައިއެޗްއެސް މޮޅުވީ 105 ޕޮއިންޓް 81 ޕޮއިންޓުންނެވެ. މެޗުގެ ކުރީ ކޮޅުގައި ވީއައިއެޗްއެސް އިން ވަނީ މޮޅު ކުޅުމެއް ދައްކާ ބޮޑު ލީޑެއް ހޯދައިފަ އެވެ. ނަމަވެސް މެޗުގެ ފަހު ކޮޅުގައި ވިލާ ކޮލެޖުން ވަނީ ވީއައިއެޗްއެސް އިން ދަމަހައްޓަމުން ދިޔަ ލީޑް ހަނިކޮށްފަ އެވެ.

އިއްޔެ ހަވީރު ކުރިއަށް ދިޔަ ފޯރިގަދަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވީއައިއެޗްއެސް އަށް 24 ޕޮއިންޓް ހޯދައިދިން އެޓީމްގެ ޖާޒީ ނަންބަރު 4 އިބްރާހިމް ނަސީމް އެވެ. މެޗުގައި ވީއައިއެޗްއެސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެޓިމަށް 26 ޕޮއިންޓް ހޯދައިދިން މުހައްމަދު ސައިފް ނަސީމެވެ. އަދި ވިލާ ކޮލެޖަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 21 ޕޮއިންޓް ހޯދި އަލީ ރުޒާމް އެވެ.

މިމުބާރާތަކީ ބާސްކެޓްބޯޅަ އެސޯސިއޭޝަނުން އިސްނަގައިގެން މިމަހު 17 އިން 28 އަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި ފަސް ޓީމް ބައިވެރިވި އިރު، އަންހެން ޑިވިޝަންގައި ހަތަރު ޓީމް ބައިވެރިވެފައިވެ އެވެ.

މިމުބާރާތުގައި މިއަދު ކުރިއަށްދާނީ އަންހެން ޑިވިޝަންގެ ދެމެޗެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު 16:00ގައި ބައްދަލުކުރާނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އާއި ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަނެވެ. އަދި މިރޭ 20:30 ގައި މެޗުގައި ބައްދަލުކުރާނީ ވިލާ ކޮލެޖާއި ވީއައިއެޗްއެސް އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު