ހަވީރު ސްޕޯޓްސް އެވޯޑްސް:
އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ދަގަނޑޭ

ހަވީރުން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ގައުމީ ޓީމުގެ ކެޕްޓަން އަދި މިދިޔަ އަހަރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)އަށް ލިބިއްޖެ އެވެ.

ގައުމީ ޓީމަށާއި ނިއުރޭޑިއަންޓަށް މިދިޔަ ސީޒަންގައި 58 ލަނޑު ޖަހައިދީގެން ހަވީރުން ދޭ ރަންބޫޓު ވެސް މިރޭ ހާސިލް ކުރީ ދަގަނޑޭ އެވެ. ހަވީރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ދަގަނޑޭ ހޯދި މިއީ ފަސްވަނަ ފަހަރެވެ. ނަމަވެސް 1995ގައި ހަވީރުން ތައާރަފް ކުރި އެ އެވޯޑް އެއް ކުޅުންތެރިއަކަށް ޖެހިޖެހިގެން ތިން ފަހަރު ހޯދިފައެއް ނުވެ އެވެ.

ހަވީރު ސްޕޯޓްސް އެވޯޑްސްއަށް 20 އަހަރު ފުރުން ފާހަގަކުރަމުން ގެންދިޔަ ކުލަގަދަ ހަފްލާގައި ދަގަނޑޭއަށް ލިބުނު އެވޯޑުތަކާ ހަވާލުވީ، ދަގަނޑޭގެ މަންމަ، އާމިނަތު ނާހިދާ އެވެ. އެވޯޑު ހަވާލުކޮށްދެއްވީ، ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލެވެ.
ފެބްރުއަރީ 15، 2014: ހަވީރު ސްޕޯޓްސް އެވޯޑް 2013: އެންމެ އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓު ހޯދީ ދަގަނޑޭ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ދަގަނޑޭއާ ވާދަކުރި ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ނިއުގެ މުހައްމަދު އުމެއިރު އާއި، މާޒިޔާގެ މުހައްމަދު އާރިފް (ބަކާ) އާއި ނިއުގެ އަލީ ފާސިރު (ސެންޓޭ) އަދި ނިއުގެ އަހްމަދު ނިޔާޒު އެވެ.

ހަރުބީ ގްރޫޕުގެ ބޮޑުބެރުގެ ފޯރިގަދަ އައިޓަމްތަކާއެކު ކުރިއަށް ގެންދިޔަ އެ ހަފްލާގައި ފުޓްބޯޅައިގެ އިތުރުން ވޮލީބޯޅަ އާއި ބާސްކެޓްބޯޅަ އާއި އަދި ކުޅިވަރަށް ހިދުމަތް ކުރެއްވި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކުރުން އޮތެވެ. މީގެ އިތުރުން ބައިނަލް އަގްވާމީ މައިދާނުގައި ދިވެހި ކުޅުންތެރިން މިދިޔަ އަހަރު ހޯދި ކާމިޔާބީ ފާހަގަކުރުން ވެސް އޮތެވެ.
ފެބްރުއަރީ 15، 2014: ހަވީރު ސްޕޯޓްސް އެވޯޑް 2013: 21 އަހަރުން ދަށުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހައްވާ ރާޝިދާ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ


އެންމެ މޮޅު ފުޓްބޯޅަ ކޯޗަކަށް ހޮވުނީ، ނިއު ރޭޑިއަންޓަށް 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާއެކު މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ހޯދައިދިނުމަށް އެ ޓީމަށް އިރުޝާދުދިން ބަލްގޭރިޔާގެ ކޯޗު ވެލިޒާ ޕޮޕޯފް އެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ހޮވުނީ 23 އަހަރުން ދަށުގެ ގައުމީ ޓީމާއި ކްލަބު އީގަލްސްގެ ފަހަތް ބަލަހައްޓައިދިން އަހުމަދު ނޫމާން އެވެ. އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ރެފްރިއަކަށް ހޮވުނީ އަހުމަދު އަސްލަމް އެވެ.
ފެބްރުއަރީ 15، 2014: ހަވީރު ސްޕޯޓްސް އެވޯޑް 2013: އެންމެ މޮޅު ފުޓްބޯޅަ ރެފްރީ އަކަށް އަހްމަދު އަސްލަމް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ


އަހަރުގެ އެންމެ މޮޅު އަންހެން ބާސްކެޓް ބޯޅަ ކުޅުންތެރިޔާގެ މަގާމަށް ސިފައިންގެ ކްލަބަށް ކުޅުނު ނަޝްފާ އާމިރާ ހޯދިއިރު، 21 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދީ އައިމިނަތު އިސްރާއު އެވެ. ފިރިހެން އެންމެ މޮޅު ބާސްކެޓް ބޯޅަ ކުޅުންތެރިޔާގެ އެވޯޑް ރެޑްލައިން ކްލަބުގެ އަހްމަދު ޒަބީރަށް ލިބުނުއިރު 21 އަހަރުން ދަށުގެ އެންމެ މޮޅު ބާސްކެޓް ބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހާސިލް ކުރީ، އިބްރާހިމް ރަޝްވާން އެވެ.

ފެބްރުއަރީ 15، 2014: ހަވީރު ސްޕޯޓްސް އެވޯޑް 2013: އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު އަހްމަދު ޒަބީރު (މ) -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ


މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔަކަށް ހޮވުނީ، އައިޝަތު ޝައްފަ އެވެ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހޯދީ ހައްވާ ރާޝިދާ އެވެ.
ފެބްރުއަރީ 15، 2014: ހަވީރު ސްޕޯޓްސް އެވޯޑް 2013: އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑު އައިޝަތު ޝައްފަ (މ) -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހޯދީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހޯދީ އަލީ ހުޒާމް އެވެ.

ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރުމުން ދޭ ހަވީރުގެ ހާއްސަ އެވޯޑް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ބާނީ ކުއީން އަހުމަދު ވަހީދަށް ލިބުނުއިރު އިންޑިއާގެ ޕޫނޭގައި މިދިޔަ އަހަރު އޮތް އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 200 މީޓަރު ދުވުމުން ސެމީ ފައިނަލަށް ގޮސް އޭޝިއާގެ ނުވަ ވަނަ ދުވުންތެރިޔާގެ މަގާމް ހޯދި ހަސަން ސާއިދުއާ ހަނދާނީ ފިލައެއް ދީފަ އެވެ.

މިދިޔަ އަހަރު ނޭޕާލުގައި އޮތް ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕުގެ ރިހިމެޑަލް ހޯދި ގައުމީ ވޮލީބޯޅަ ޓީމަށް ވެސް ވަނީ ހަނދާނީ ފިލައެއް ދީފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު