ނޮޅިވަރަމް ދާއިރާގެ ޓިކެޓު ހޯއްދެވުމަށް މަދަނީ އަބްދުﷲ އަދާލަތާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ޓިކެޓު ހޯއްދެވުމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) އަދާލަތު ޕާޓީއަށް ސޮއިކުރައްވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މަދަނީ އަބްދުﷲ ވިދާޅުވީ އޭނާ އަދާލަތު ޕާޓީއާ ގުޅިވަޑައިގަތީ މިއަދު ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ޕާޓީގައި ދެމިހުންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ނޮޅިވަރަމް ދާއިރާއަށް ވާދަކުރައްވާނީ އަދާލަތު ޕާޓީގެ ޓިކެޓުގައި ކަމަށާއި އެކަންތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ނޮޅިވަރަމް ދާއިރާ އަށް ވާދަކުރެއްވުމަށް ގަސްތުކުރެއްވީ އެ ދާއިރާގެ ގިނަ ރައްޔިތުން އެކަމަށް އެދެމުންދާތީ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނޮޅިވަރަމާއި ނޮޅިވަރަންފަރުގައި ކުރިއަށްގެންދިޔަ ޑޯޓްޑޯ ކެންޕޭންގެ 75 ޕަސެންޓް ނިމިފައިވާ ކަމަށާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އެ ކެންޕޭންގެ ސަބަބުން ވަރަށް ބޮޑަށް އެނގިވަޑައިގެންނެވި ކަމަށެވެ.

ނޮޅިވަރަމްގެ ރައްޔިތުންނަކީ ތަފާތު އެކި ބޭނުންތަކަށް ކުޅުދުއްފުއްޓަށް ދަތުރުކުރާ ބަޔަކަށްވާތީ އެރަށުގެ ރައްޔިތުންނަށް ހިލޭ ކުޅުދުއްފުއްޓަށް ދެވޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނޮޅިވަރަމް ރައްޔިތުންނަށް ހިލޭ ކުޅުދުއްފުއްޓަށް ދެވޭނެ އިންތިޒާމް އަޅުގަނޑު މިހާރު ވަނީ ހަމަޖައްސާފައި،" މަދަނީ އަބްދުﷲ ވިދާޅުވި އެވެ.

ނޮޅިވަރަމާއި ނޮޅިވަންފަރަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެގޮތުން ނޮޅިވަރަމަކީ ކުނީގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ރަށަކަށްވާތީ އެކަން ހައްލު ކުރެއްވުމަށް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނޮޅިވަރަމްގައި ބޭސްފިހާރައެއް ނެތުމުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް ވެސް މިހާރު ފައްޓަވާފައިވާނެ ކަމަށެވެ.

ސަރުކާރު ކޯލިޝަނުން ނޮޅިވަރަމް ދާއިރާ އަށް ވާދަކުރަނީ ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ. އެ ޕާޓީގެ ޓިކެޓުގައި އެ ދާއިރާ އަށް ވާދަކުރައްވަނީ ހދ. ނޮޅިވަރަމް، ދިވެހި، ހުސައިން އަރީފެވެ.

އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާ އަށް ވާދަކުރައްވަނީ މާލޭ ދަފްތަރު 1464 އުބައިދުﷲ މުއާޒެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު