ސަރުކާރު ކޯލިޝަންގެ ވެލިދޫ ދާއިރާގެ ޓިކެޓް ފާރިޝަށް ލިބިއްޖެ

އެމްޑީއޭގެ މަޖިލިސް ޕްރައިމަރީގައި ވެލިދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި، ވެލިދޫ، މާއޮޅު، އަލީ ފާރިޝަށް ސަރުކާރު ކޯލިޝަންގެ ޓިކެޓް ކަށަވަރުވެއްޖެ އެވެ.

އެމްޑީއޭގެ ޓިކެޓުގައި ވެލިދޫ ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓަކަށް ފާރިޝް ހޮއްވަވާފައި ވަނީ އިއްޔެ ބޭއްވި އެ ދާއިރާގެ ޕްރައިމަރީގަ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެމްޑީއޭގެ އޮފިޝަލަކު ވިދާޅުވީ ޕްރައިމަރީގައި ފާރިޝް އަށް ލިބިވަޑައިގެންފައި ވަނީ 267 ވޯޓު ކަމަށެވެ. އަދި އޭނައާ ވާދަކުރެއްވި ވެލިދޫ ބޯށިމާގޭ މުހައްމަދު އަލީ އަށް ލިބިވަޑައިގަތީ 242 ވޯޓު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މަނަދޫ ދާއިރާގެ ގޮނޑިއަށް ސަރުކާރު ކޯލިޝަނުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ވެސް އިއްޔެ އެމްޑީއޭ އިން ވަނީ ޕްރައިމަރީ ބާއްވާފަ އެވެ. ނަމަވެސް އެ ޕާޓީއަށް ލިބުނު ޝަކުވާއަކާ ގުޅިގެން އެ ދާއިރާގެ ވޯޓުލުން އިއްޔެ ވަނީ ކެންސަލް ކޮށްފަ އެވެ.

އެމްޑީއޭ އިން ބުނީ މަނަދޫ ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން ދެން އޮންނާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

މަނަދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ބޭފުޅުންނަކީ މާލޭ ދަފްތަރު 4824 އުމަރު ހުސައިން އާއި ނ. ލަންދޫ މާހާ މުހައްމަދު އަބްދުﷲ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު