އެމްޑީއޭ މަޖިލިސް ޕްރައިމަރީގެ މަނަދޫ ދާއިރާގެ ވޯޓުލުން ކެންސަލްކޮށްފި

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޓިކެޓުގައި ނ. މަނަދޫ ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކައި މިއަދު ކުރިއަށްގެންދާ ޕްރައިމަރީ ކެންސަލްކޮށްފި އެވެ.

އެމްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިއަދު އެޕާޓީން ނ. ވެލިދޫ ދާއިރާ އާއި މަނަދޫ ދާއިރާގައި ބާއްވާ ޕްރައިމަރީގެ ތެރެއިން މަނަދޫ ދާއިރާގެ ޕްރައިމަރީ ކެންސަލް ކުރަން ނިންމީ، ކެންޑިޑޭޓުންނާއި ބައެއް މަންދޫބުން ހުށަހެޅުއްވި ޝަކުވާތަކެއް ހުރުމުން އެ މައްސަލަ ބެލުމަށް ކަމަށެވެ.

"މަނަދޫ ދާއިރާގެ ވޯޓުލުން ކެންސަލްކުރެވިފައި މިވަނީ، މި ދާއިރާއަށް ކުރިމަތިލެއްވި ބައެއް ކެންޑިޑޭޓުންނާއި، ބައެއް މަންދޫބުން ހުށަހަޅާފައިވާ ޝަކުވާތަކެއް ހުރުމާއެކު އެކަންތައް ބެލުމަށް، މި ޕްރައިމަރީގެ ވޯޓުލުމުގެ އެންމެހައި ކަންތައްތައް، ވިލަރެސްކުރުމަށް އެކުލަވާލާފައިވާ އިންތިހާބު ކޮމެޓީން ނިންމާފައިވާތީ،" އެމްޑީއޭގެ ނޫސްބަޔާނުގައިވެ އެވެ.

އެމްޑީއޭއިން ބުނީ، މަޖިލީސް އިންތިހާބުގައި ނ. މަނަދޫ ދާއިރާއަށް އެޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އަލުން ބާއްވާނޭ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު