މަނަދޫ އާއި ވެލިދޫ ދާއިރާގެ އެމްޑީއޭ ޕްރައިމަރީ ފަށައިފި

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނ. މަނަދޫ ދާއިރާ އަށާއި އެއަތޮޅު ވެލިދޫ ދާއިރާއަށް ކުރިމަލިތާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕުރައިމަރީގެ ވޯޓުލުން ފަށައިފި އެވެ.

ޕްރައިމަރީގެ ވޯޓުލުން ފަށާފައި ވަނީ މިއަދު މެންދުރު 2:00 ގައި އެވެ. މިރޭ 8:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ.

ޕްރައިމަރީގެ ވޯޓުލުން މާލޭގައި ކުރިއަށްދަނީ ހ. ސަންގައި ހުންނަ އެމްޑީއޭގެ ޖަގަހައިގަ އެވެ. އަދި އެ ދެ ދާއިރާގެ ކޮންމެ ރަށެއްގައި ވެސް ވޯޓުލުން ކުރިއަށްދާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ.

ވެލިދޫ ދާއިރަގެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ބޭފުޅުންނަކީ ނ. ވެލިދޫ ބޯށިމާގޭ މުހައްމަދު އަލީ އާއި ހަމަ އެރަށު މާއޮޅު އަލީ ފާރިޝް ޔޫސުފް އެވެ.

މަނަދޫ ދާއިރާގެ ޕްރައިމަރީގައި ވެސް ވާދަކުރައްވަނީ ދެ ބޭފުޅެކެވެ. އެއީ މާލޭ ދަފްތަރު 4824 އުމަރު ހުސައިން އާއި ނ. ލަންދޫ މާހާ މުހައްމަދު އަބްދުﷲ އެވެ.

ޕްރައިމަރީގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އެމްޑީއޭގެ ލީޑާޝިޕްއިން ވަކި ކެނޑިޑޭޓަކަށް ތާއީދުކުރާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އެމްޑީއޭ އިން ބުންޏެވެ.

އެޕްރައިމަރީގެ ހުރިހާ ކަންތައްތައް ހާމަކަންބޮޑުކޮށް އަދި ސުލްހަވެރިކޮށް ގެންދިއުމަށް އެމްޑީއޭގެ މެމްބަރުން ގުޅިގެން މަސައްކަތް ކޮށްދިނުމަށް އެމްޑީއޭގެ ލީޑާޝިޕުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ދާއިރާތަށް ބަހާލި އިރު އެމްޑީއޭ އަށް ލިބިފައި ވަނީ ނުވަ ދާއިރާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު