ބްރިޖް އެޅުމަށް 19 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި

"ކޮންޓްރެކްޓާ ފައިނޭންސް" އުސޫލުން މާލެ އާއި ހުޅުލެއާ ދެމެދު ބުރިޖަކުން ގުޅުވާލުމުގެ ޕްރޮޖެކްޓް 19 ކުންފުއްޏަކުން ކުރިމަލި ލައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބުރިޖް އެޅުމަށް ކުރިމަތި ލާފައިވާ 19 ކުންފުނީގެ ތެރޭގައި ހިމެނެނީ ބައިނަލްއަގުވާމީ ފެންވަރުގެ ކުންފުނިތަކެއް ކަމަށެވެ. ނަމަވެސް އެކުންފުނިތަކުގެ މައުލޫމާތެއް ވިދާޅެއްނުވެ އެވެ.

ބުރިޖު އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ޗައިނާގެ ދެ ކުންފުއްޏަކާއި އިންޑިއާގެ ދެ ކުންފުނީގެ އިތުރުން އެމެރިކާ އާއި ފްރާންސް އާއި ތުރުކީގެ އިތުރުން އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތާއި ހޮންކޮންގް އާއި ރާއްޖޭގެ ކުންފުއްޏެކެވެ.

ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ކުންފުނިތަކުން ހުށައަޅާފައިވާ ހުށައެޅުންތައް ބަލައި ބަޔަކާ ހަވާލުކޮށް އަމަލީ މަސައްކަތް ފެށުމަށް "އަދި ހައެއްކަ މަސް" ވާނެ ކަމަށެވެ. އަދި އުންމީދަކީ މިއަހަރު ނިމުމުގެ ކުރިން ބުރިޖް ހެދުމުގެ މަސައްކަތް ފެށުން ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ބްރިޖްގެ ފަރުމާ އަދި ނުނިންމި ނަމަވެސް އެ ބުރިޖްއަކީ ޒަމާނީ ގޮތަކަށް ތައްޔާރުކުރެވޭ ބްރިޖް އަކަށްވެގެންދާނެ ކަމަށެވެ. އަދި ބްރިޖްގެ މަސައްކަތް ކުރެވިގެންދާނީ ދުރު މުސްތަގުބަލަކަށް ވިސްނައިގެން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ ބްރިޖުގެ މަސައްކަތްތަކާ ބެހޭ އިތުރު ތަފްސީލްތައް ފަހުން ދެއްވާނެ ކަމަށެވެ. ބްރިޖްގެ ޕްރޮޖެކްޓަށް ހަވާލުކުރީ އެބްރިޖް ޑިޒައިންކޮށް، ހިންގާ އަދި މެއިންޓެނަންސްގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ފަރާތަކަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު