ދ. ކުޑަހުވަދޫން އަހްމަދު ސާއިލް އަލީ
ދ. ކުޑަހުވަދޫގެ ތަރައްގީއަށް ރައްޔިތުން އެދޭ ކަންތައްތަކުގެ ތެރެއިން ގިނަ ކަންކަން މިސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް ރައީސް ޖުމްހޫރިއްޔާ އަބުދުއްﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އެގޮތަށް ވިދާޅުވީ ރައީސް ޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގެން އަތޮޅުތެރެއަށް ފެއްޓެވި ފުރަތަމަ ދަތުރުފުޅުގައި މިއަދު ހަވީރު ކުޑަހުވަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވަ އެވެ.
ރައީސް ޔާމީން ވިދާޅުވީ ކުޑަހުވަދޫ މަގު ހެދުމުގެ ޕުރޮޖެކްޓަށް ބޭނުންވާ ލޯނު ނެގުމަށް ރައްޔިތުންގެ މަޖިލީހުން ހުއްދަ ދީފައިވާ ކަމަށާއި އަދި އެރަށުގެ ބިންހިއްކުމަށް ބޭނުންވާ ފައިސާ ވެސް މިހާރު ވަނީ ހަމަޖެހިފައި ކަމަށެވެ.
"ތަރައްގީ ދެމުންދާނީ އާބާދީއަށް ބަލައި، އޭގެ ތެރެއިން ކުޑަހުވަދޫ ހަވާސާއިން ބޭރުވެގެން ނުދާނެ" ރައީސް ޔާމީން ވިދާޅުވި އެވެ.
މި ސަރުކާރަކީ ބޭރުގެ އަޅުވެތިކަމުގެ ދަށަށް ނުގޮސް ރައްޔިތުންގެ ތަރައްގީއަށް މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމަކީ ސަރުކާރުން ކުރާ ހުރިހާ ކަމަކަށް ހުރަސްއެޅުން ނޫން ކަމަށާއި ޒިންމާދާރު ކުރުމަކީ ސަރުކާރު "ގޯޅިއަޅާ ހިނދަކު" ހަމަމަގަށް އެޅުވުން ކަމަށެވެ.
ރާއްޖޭގެ ތަރައްގީއަށްޓަކައި ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓުންނަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައްޔާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދެއްވުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.