މެމްބަރު އާދިލުގެ އިސްތިއުނާފު ޝަރީއަތްތައް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލުގެ މައްޗަށް ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށް ޝަރީއަތަށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތްތައް ހައިކޯޓުން ނިންމާލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުންތައް ނިންމާލާފައި ވަނީ މިއަދު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެމައްސަލައާ ގުޅިގެން އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުންގެ ބެންޗުން މިއަދު ބުނެފައިވާ ކަމަށެވެ.

އާދިލުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ.

އާދިލުގެ މައްޗަށް އެ ދައުވާ އުފުލީ 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެކި ދުވަސް މަތިން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ޖިންސީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކޮށެވެ.

އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި ފުރަތަމަ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އާދިލު ވަނީ ދައުވާގެ އަސްލަށް އިންކާރުކުރައްވާފަ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ދައުވާގައި ބުނެފައިވާ 13 އަހަރުގެ ކުއްޖައާ އާދިލް ޖިންސީ އަމަލު ހިންގި ކަން ސާބިތު ކުރުމަށްޓަކައި އެކަށީގެންވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު