ކޮންރެޑް ރިސޯޓްގެ އިންޖީނުގޭގައި އަލިފާންރޯވެ ރަށުން ކަރަންޓް ހިނގައްޖެ

ކޮންރެޑް މޯލްޑިވްސްގެ އިންޖީނުގޭގައި ރޭގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ރިސޯޓުން ކަރަންޓް ކަނޑައިގެން ހިނގައްޖެ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެ ރިސޯޓުގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ކެތްރިން އެންތަނީ މިއަދު ސަން އަށް ވިދާޅުވީ ރޭ 11:30 އެހާކަންހާއިރު ރޯވި އެ އަލިފާންގަނޑު ގާތްގަނޑަކަށް 45 މިނެޓް ތެރޭގައި އެ ރިސޯޓުގެ ސްޓާފުންގެ މަސައްކަތުން ނިއްވާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަލިފާން ރޯވާން ދިމާވި ސަބަބެއް ނޭނގޭ ކަމަށާއި އަލިފާން ރޯވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޖުމްލަ ދެ ރަށެއްގެ މައްޗައް ހިމެނޭ ކޮންރެޑް ރިސޯޓްގެ ތެރެއިން އެއް ރަށަށް މިހާރު ކަރަންޓް ލިބިފައިވާ ކަމަށާއި އަނެއް ރަށަށް ކަރަންޓް ދޫކުރުމަށް ޓަކައި އެމްއެންޑީއެފް އާއި ރިސޯޓްގެ ސްޓާފުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ހާދިސާ އާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު