ބިދޭސީން ޕެންޝަން ސްކީމުގައި ބައިވެރިކުރުމަށް ލިބެނީ ފިނި ތަރުހީބެއް: ޕެންޝަން އޮފީސް

މޯލްޑިވްސް ރިޓައަމެންޓް ޕެންޝަން ސްކީމުގައި ބިދޭސީން ބައިވެރިކުރުމަށް ލިބެމުން ދަނީ ވަރަށް ފިނި ތަރުހީބެއް ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ސުޖާއު މިއަދު "ސަން" އަށް ވިދާޅުވީ ގާނޫނު ބުނާ ގޮތުން ނަމަ މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވެސް ޕެންޝަން ސްކީމުގައި ބައިވެރިވާން ޖެހޭ ކަމަށެވެ. ނަމަވެސް މިހާތަނަށް ބިދޭސީން އެ ސްކީމުގައި ބައިވެރިކުރުމަށް މާ ބޮޑު ތަރުހީބެއް ލިބެމުން ނުދާ ކަމަށް ސުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިވަނީ ބިދޭސީން ޕެންޝަން ސްކީމުގައި ބައިވެރިކުރާނެ އުސޫލްތައް ކަނޑައަޅާފައި. ނަމަވެސް އަދި އެހާ ތަރުހީބް ބޮޑެއް ނޫން، އަޅުގަނޑަށް ގަބޫލުކުރެވެނީ ދިވެހިންނަކީ ފަހުވަގުތަށް ކަންކަން ކުރަން ތިބޭ ބަޔަކަށް ވާތިއްޔޭ އަދި މާ އެކަމާ ނޫޅެނީ،" ސުޖާއު ވިދާޅުވި އެވެ.

ބިދޭސީންގެ މުސާރައިން ވެސް ޕެންޝަނަށް ކަނޑަނީ ދިވެހިންގެ މުސާއިން ކަނޑާވަރަށް ހަތް ޕަސެންޓެވެ. އަނެއް ހަތް ޕަސެންޓް ދައްކަންޖެހެނި ވަޒީފާދޭ ފަރާތުންނެވެ. ސުޖާއު ވިދާޅުވީ ބިދޭސީން ޕެންޝަން ސްކީމުގައި ބައިވެރިކުރުމުގެ ގޮތުން ގިނަ މައުލޫމާތްތަކެއް ވަޒީފާދޭ ބައެއް ކުންފުނިތަކާ އެކު ހިންގިފައިވާ ކަމަށެވެ.

"ބިދޭސީން މިސުކީމުގައި ބައިވެރިކުރާ އިރު އެބަލިބޭ ލުޔެއްވެސް، އެއީ ވަޒީފާ ދޭތާ ހަތަރު މަސް ފަހުން މިޖެހެނީ ބިދޭސީއެއް ނަމަ ޕެންޝަން ޕަންޑަށް ފައިސާ ޖަމާކުރަން،" ސުޖާއު ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ އެސްކީމުގައި ބައިވެރިވާ ބިދޭސީން ރާއްޖެ ދޫކޮށްފައި ގައުމަށް ދާއިރު އޭނާ ޖަމާކޮށްފައިވާ ޕެންޝަން ފައިސާ އެއްކޮށް ލިބޭނެ ކަމަށާއި މީގެ ކުރިން އެ ސްކީމުގައި ބައިވެރިވެފައިވާ ދައުލަތުގައި މަސައްކަތް ކުރާ ބިދޭސީ މުއައްޒިފުންނަށް ވެސް އެގޮތުގެ މަތިން ފައިސާ ދޫކޮށްފައިވާނެ ކަމަށެވެ.

ސުޖާއު ވިދާޅުވީ އޭޕްރީލްގެ ނިޔަލަށް ބިދޭސީން ޕެންޝަން ސުކީމުގައި ބައިވެރިނުކުރާ ކުންފުނިތައް ގާނޫނުގައި ބުނެފައިވާ އަދަދުތަކުން ޖޫރިމަނާ ކުރެވިގެންދާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު