ނިއުގެ ދިރުމަކީ ސަޕޯޓަރުން: ލިލީ

ރާއްޖޭގެ އެންމެ ބޮޑު އެއް ފުޓްބޯޅަ ކްލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ހޯދަމުން އަންނަ ކާމިޔާބީތަކުގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ ކްލަބުގެ ސަޕޯޓަރުން ކަމަށް އެޓީމުގެ ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) ބުނެފި އެވެ.

ގައުމީ ޓީމުގެ ވެސް ޑިފެންޑަރު ނިއުގެ ވެބްސައިޓަށް ދީފައިވާ ހާއްސަ ބަސްދީ ގަތުމުގައި ލިލީ ބުނެފައިވަނީ، އޭނާ އެ ކްލަބުގައި މަޑުކުރަން ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސަޕޯޓަރުން ކްލަބާއި ކުޅުންތެރިން ދެކެވާ ލޯތްބާއި ދެމުންގެންދާ ހިތްވަރާއި އަދި މެނޭޖްމަންޓު ރަނގަޅުވުން ހިމެނޭ ކަމަށެވެ.

"ކްލަބުގެ މެނޭޖްމަންޓް ވަރަށް ރަނގަޅު. އަހަރެން ދެކެފިން މި ކްލަބުގައި ކުޅުންތެރިންނަށް ތިން ހަތަރު މަހު މުސާރަ ނުދެވި އޮތް ދުވަސްވަރު ވެސް. އެކަމަކު ވޭތުވެދިޔަ ދެއަހަރެއްގެ ތެރޭގައި ހުރިހައި ކަމެއް މިވަނީ ބަދަލުވެފައި. މެނޭޖްމަންޓުގެ މައްސަލައެއް ފާހަގައެއް ނުކުރެވޭ. އަދި ސަޕޯޓަރުން އަބަދުވެސް އެތިބެނީ ކުޅުންތެރިންގެ ފަހަތުގައި. އެއީ މި ކްލަބުގެ މައި ކައްޓަކީ،" މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިތުރު ދެ އަހަރު ދުވަހުގެ މުއްދަތައް ނިއުގެ ކޮންޓްރެކްޓް އާކުރި ޑިފެންޑަރު ބުންޏެވެ.

ލިލީ ނިއު ރޭޑިއަންޓާ ގުޅުނީ 2009 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ކުޅުނީ އޭރު ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ކްލަބު ވެލޯޒިއާ އަށެވެ. އަދި ނިއުއާ ގުޅުނުފަހުން އެހެން ޓީމަކުން ލިލީ ފެނިފައެއް ނުވެއެވެ.

"ނިއުއާ ގުޅުނީ ޑަކޭއާއި އަހަރެންގެ ބޭބެ މުކޭގެ ބާރުއެޅުމުގެ މަތިން. އެއީ 2009 ވަނަ އަހަރު، އޭރު ކޯޗަކަށް ހުރީ މޯހަން. ފުރަތަމަ ކުޅުނީ ދެވަނަ ޑިވިޝަންގެ ވެލޯޒިއާ އަށް،" 26 އަހަރުގެ ޑިފެންޑަރު ބުންޏެވެ.

ލިލީ ގަބޫލުކުރާ ގޮތުގައި އޭނާ މިހާތަނަށް ތަޖުރިބާކޮށްފައިވާ އަދި އެނާއަށް އެންމެ ރަނގަޅަށް އިރުޝާދު ދީފައިވާ އެންމެ މޮޅު ކޯޗަކީ ނިއުގެ ކުރީގެ ކޯޗް ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް އެވެ. އަދި ކުޅުންތެރިންގެ ތެރެއިން އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އިބްރާހީމް ފަޒީލް (އޮއްޕޮ)ގެ ފަރާތުން ނެވެ.

"ޕޯޕޯފް އެއީ އަހަރެންނަށް އިރުޝަދުދިން އެންމެ މޮޅު ކޯޗު. އެއީ ވަރުގަދަ ޝަހުސިއްޔަތެއް. އޭނަ އަބަދުވެސް ބޭނުންވާނީ މޮޅުވާން. ނަތީޖާ ނެރުމަށްޓަކައި ރިސްކު ނަގާކަށް ޖެހިލުމެއް ނުވާނެ،" ލިލީ ބުންޏެވެ. "ކުޅުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބަފައިވަނީ އޮއްޕޮގެ ފަރާތުން. ގޯސްކޮށް ކުރެވޭ ކަންތައް ބުނެދީ ކުރިއަށް އޮތްތަނުގައި އެކަން ރަނގަޅުކުރުމަށް ހިތްވަރުދީ އެހީތެރިވެދޭނެ. ދެން އަކުރަމް އަކީވެސް ވަރަށް ރަނގަޅު ކުޅުންތެރިއެއް. އޭނާވެސް ތަޖްރިބާ ހިއްސާ ކުރާނެ. އަދި ސީނިއާ ހުރިހާ ކުޅުންތެރިން ވެސް."

ނިއުގެ މިހާރުގެ ސްކޮޑާ ބެހޭގޮތުން ލިލީ ބުނީ، ކުރިއަށް އޮތް ސީޒަންގައިވެސް ރަނގަޅު ކާމިޔާބުތަކެއް ހޯދޭވަރުގެ ވަރުގަދަ ސްކޮޑެއް މިހާރުވެސް ނިއުގައި އެބަ އޮތް ކަމަށެވެ.

"އަހަންނަށް ހީވަނީ އަދިވެސް ހަމަ ވަރުގަދަ ސްކޮޑެއް މިއޮތީ. އެންމެ ބޮޑު ބަދަލަކަށް މިފެނުނީ ދަގަނޑޭ ނެތްތަން. އެކަމަކު އަދިވެސް ހަމަ ވަރަށް ވަރުގަދަކޮށް ޓީމު މިއޮތީ،" ލިލީ ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު