ގައުމީ އިއްތިހާދު ޕާޓީ އުވާލުމަށް އެޕާޓީގެ ކައުންސިލުން ފާސްކޮށްފި

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީ އުވާލުމަށް އެޕާޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ކައުންސިލް މެމްބަރު އަހްމަދު ތައުފީގު (ޓޯޕީ) ވިދާޅުވީ ޕާޓީ އުވާލަން ފާސްކޮށްފައި ވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ހުރިހާ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބަލެހެއްޓެވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ޑރ. ވަހީދު ރިޔާސަތު ބެލެހެއްޓެވީ. ޕާޓީ އުވާލަން ގަރާރު ފާސްކޮށްފައި ވަނީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން،" ތައުފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީ އުވާލަން ފާސްކޮށްފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި އިގްތިސޯދު މިހާރު އޮތްގޮތަށް ބަލާއިރު ކުދި ޕާޓީތަކަށް ހަރަކާތްތެރިވެވޭނެ ގޮތްތަކެއް ނެތުމުން ކަމަށެވެ.

ކުދި ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކުރާކަމަށާއި އެހެންކަމުން ޕާޓީ އުވާލުމަކީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތް ކަމަށް ކައުންސިލްގެ ހުރިހާ މެމްބަރުންނަށް ގަބޫލުކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީ އުވާލުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ ލިޔުންތައް މާދަމާގެ ނިޔަލަށް އެ ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

ރާއްޖޭގައި އުފެއްދި ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއީ މިހާތަނަށް އުވާލި ދެވަނަ ސިޔާސީ ޕާޓީ އެވެ. ކުރީގެ ބަންޑާރަ ނާއިބް ޑރ. މުހައްމަދު މުނައްވަރު އިސްވެހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލުމަށް ދާދިފަހުން އެ ޕާޓީގެ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު