ފެހެންދޫ ކަރަންޓަށް ޖެހި ރައްޔިތުން މުޒާހަރާގައި!

ބ. ފެހެންދޫ އަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ހަމައެކަނި ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަރަންޓް ކެނޑުމުން އެރަށު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި އެވެ.

އެ މުޒާހަރާގައި އިސްކޮށް ހަރަކާތްރިވާ އަލީ ލިރާރު މިއަދު "ސަން"އާ ވާހަކަދައްކަމުން ބުނީ އެ ރަށުގެ ގިނަ ބަޔަކު ކައުންސިލް އިދާރާގެ ކުރިމަތީގައި މުޒާހަރާ ކުރަމުންދަނީ ތިން އަހަރުވެފައިވާ އެރަށުގެ ކަރަންޓްގެ މައްސަލައަށް ހައްލެއް ނުލިބިގެން ކަމަށެވެ. އަދި އެރަށުން ކަރަންޓް ކެނޑުން ފަހަކަށް އައިސް އާއްމުކަމަކަށް ވެފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު މިއަދު ހެނދުނު 10:00 ހާއިރުން ފެށިގެން އެއްވެސް ވަރަކަށް ކަރަންޓް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"މިރަށުގައި ކަރަންޓް ދޭން ބޭނުން ކުރާ ޖަނަރޭޓަރުން މުޅި ރަށަށް ބޭނުންވާ ވަރަށް ކަރަންޓެއް ނުދެވޭ. ފެން މޯޓަރު ޖައްސައިފިއްޔާ ފަންކާ ނިވޭ، ފައްކާ ޖައްސައފިއްޔާ އައިސް އަލަމާރި ނިވޭ. މިއީ ރައްޔިތުން އުޅެމުންދާ ހާލަކީ،" ލިރާރް ބުންޏެވެ.

އޭނާ ބުނީ "ކުއްލި ކުއްލި" އަށް ކަރަންޓް ކެނޑުމުގެ ސަބަބުން އެރަށުގެ ރައްޔިތުން ބޭނުން ކުރަމުންދާ އިލެކްޓޯނިކްސް ބައެއް ތަކެތި ހަލާކުވަމުންދާ ކަމަށެވެ. އަދި އެމައްސަލަ ހައްލުކުރުމަށް އެތައް ފަހަރަކު ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކާފައިވާ ކަމަށާއި ނަމަވެސް އެކަމަށް ހައްލެއް މިހާތަނަށް ނުލިބޭ ކަމަށް އިރާރު ބުންޏެވެ.

ތިން ސަތޭކަ މީހުންގެ އާބާދީއެއް އޮންނަ ފެހެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހީން ވިދާޅުވީ އެރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ގިނަ ރައްޔިތުންތަކެއް ކައުންސިލް އިދާރާގެ ކުރިމަތީ މުޒާހަރާ ކުރަމުންދާ ކަމަށެވެ. އަދި ކަރަންޓްގެ މައްސަލައަކީ މީގެ ދެ އަހަރު ކުރިން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށާއި ކަމާބެހޭ ފަރާތްތަކާއި ތަފާތު ގޮތްގޮތަށް ވެސް ވާހަކަ ދައްކައިގެން އެމައްސަލަ ހައްލުވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހީން ވިދާޅުވީ ކަރަންޓްގެ ހިދުމަތް އަނބުރާ އެރަށަށް ދެވޭނެ އިރެއް ދަންނަވަން ނޭނގޭ ކަމަށާއި ކަރަންޓް ކެނޑެން ދިމާވީ އެރަށުގައި ބޭނުންކުރާ ހަމައެކަނި އިންޖީނަށް މައްސަލައެއް ދިމާވެގެން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު