ޓެރަރިޒަމްގެ ދައުވާ އަށް ޖަވާބުދާރީ ވުމަށް މެމްބަރު މޯޑަށް ފުރުސަތު ދީފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު)ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަށް ޖަވާބުދާރީވުމަށް ފުރުސަތު ދެއްވައިފި އެވެ.

މޯޑުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއާ ގުޅިގެން މިއަދު ހެނދުނު 10:00ގައި ބޭއްވި ޝަރީއަތުގެ މަޖިލީހަށް އޭނާ ހާޒިރުވެވަޑައިގަތީ ވަކީލަކާ ނުލަ އެވެ. މޯޑު ވިދާޅުވީ އެ މައްސަލާގައި އޭނާގެ ދިފާއުގައި ކުރިން ވަކާލާތު ކުރެއްވި ވަކީލު ތަނާޒުލްވެފައިވާ ކަމަށެވެ.

މޯޑު އެގޮތަށް ވިދާޅުވުމުން ކްރިމިނަލް ކޯޓުން ވަނީ ވަކީލަކު ހަމަޖެއްސުމަށް ފަހު މިއަދު މެންދުރު 1:00ގައި ކޯޓަށް ހާޒިރުވެވަޑައިގަތުމަށް އޭނާ އަށް އަންގައިފަ އެވެ.

މިއަދު މެންދުރު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މޯޑުގެ ވަކީލާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޯޓުން ދޫކޮށްފައިވާ ލިޔުންތައް ދިރާސާކުރުމަށް ފުރުސަތު ބޭނުންވާ ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހާ ހަމައަށް ލިޔުންތައް ދިރާސާ ކުރެއްވުމަށް މޯޑުގެ ވަކީލާ އަށް ކޯޓުން ވަނީ ފުރުސަތު ދީފަ އެވެ.

ދައުލަތުން ކޮށްފައިވާ ދައުވާ އަށް މޯޑު ވަނީ އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ދައުވާގައި ބުނެފައިވާ ފަދަ ޓެރަރިޒަމްގެ އެއްވެސް އަމަލެއް އޭނާ ހިންގާފައިނުވާނެ ކަމަށެވެ.

މޯޑުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި އެރޭ 9:30 އާ ދެމެދުގެ ވަގުތެއްގައި ސ. ގަމަށް ދާން އޮންނަ ކޯޒްވޭގައި އޭނާ ހުރެ ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިންގެ ސަފުތައް ރޫޅާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

ދައުވާގައި ބުނެފައި ވަނީ އެގޮތަށް އިންޒާރުދިނުމަށް ފަހު ގަން ޕޮލިސް ސްޓޭޝަންގެ ތެރެއަށް ވަދެގަތުމަށާއި ފުލުހުންނަށް ހަމަލާ ދިނުމަށާއި ގަން ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިނުމަށް އޭނާ ގޮވާލާފައިވާ ކަމަށެވެ. އަދި ފޭދޫ ކޯޓާއި ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރީ ހުރެ އެތަންތަނަށް ގެއްލުން ދިނުމަށް އޭނާ ގޮވާލާފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެ އެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ދިވެހި ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ)ގައި ބުނެފައި ވަނީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ކަމެއް ކުރުން ނުވަތަ ނުވަތަ ކުރަން އުޅުން ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުންދީފާނެ ކަމުގެ އިންޒާރު ދުލުން ނުވަތަ ލިޔުމުން ވިޔަސް ދިނުމަކީ ޓެރަޒިރަމްގެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މޯޑުގެ މައްޗަށް އެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ 26 މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލުހުންނާއި ސިފައިންގެ 17 މީހަކާއި އާންމުންގެ ދެ މީހަކާއި ސިއްރުން ހެކިބަސްދޭ ހަތް މީހެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު