ކ. ދިއްފުށީ ސްކޫލްގައި ރޯވެ އަނދައި ހުލިވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ދިއްފުށީ ކައުންސިލްގެ ރައީސް ހުސައިން ރަބީއު ވިދާޅުވީ އެރަށު ސުކޫލްގައި އަލިފާން ރޯވެފައި ވަނީ ރޭ ފަތިހު 3:30 އެހައިކަންހާއިރު ކަމަށެވެ.
އޭނާ ވިދާޅުވީ އަލިފާން ރޯވުމުގެ ސަބަބުން ސްކޫލްގެ އޮފީސް އިމާރާތް ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ ކަމަށެވެ. ސްކޫލް ލައިބްރަރީ އާއި ކޮމްޕިއުޓާލެބުގެ އިތުރުން ޕްރިންޓިން ރޫމާއި ދެ ގުދަން ވެސް ހުންނަނީ އަނދައިގެން ދިޔަ އެ އިމާރާތުގައި ކަމަށް ވެސް ރަބީއު ވިދާޅުވި އެވެ.
"ފަތިހު 3:30 އެހައިކަންހާއިރު ސްކޫލް އޮފީސް އިމާރާތުގައި އަލިފާން ރޯވީ. އޮފީސް އިމާރާތުގައި ސްކޫލް ލައިބްރަރީ އާއި ކޮމްޕިއުޓާލެބުގެ އިތުރުން ޕްރިންޓިން ރޫމާއި ދެ ގުދަން ވެސް ހުންނަނީ،" ރަބީއު ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ސްކޫލްގެ ވޮޗަރު ޑިއުޓީގައި ހުއްޓައި ކަމަށާއި އޭނާގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު އަލިފާން ރޯވެފައި ވަނީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށް ޔަގީން ކުރެވޭ ކަމަށް ވެސް ދިއްފުށީ ކައުންސިލްގެ ރައީސް ރަބީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީރު އައިލެންޑް ރިސޯޓުގެ ފަޔާމަނުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ އިތުރުން އެރަށު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ފަތިހު 5:30 އެހައިކަންހާއިރު ކަމަށެވެ.