މިއަދު ހެނދުނުން ފެށިގެން ރ. ދުވާފަރުން ކަރަންޓު ކެނޑިފައިވާތީ އެރަށުގެ ބަޔަކު މުޒާހަރާ ކުރަން ފަށައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ދުވާފަރު ކައުންސިލް މެމްބަރަކު ވިދާޅުވީ މިއަދު ހެނދުނު 8:30 އިން ފެށިގެން މުޅި ރަށުން ކަރަންޓު ކެނޑިފައިވާތީ ރައްޔިތުންގެ ތެރެއިން ބަޔަކު މިރޭ މުޒާހަރާ ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ކަރަންޓު ކެނޑިފައި ވަނީ ޖަނެރޭޓަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ފާރޫގު މުހައްމަދު ހަސަން ވިދާޅުވީ ޝައްކު ކުރެވޭ ގޮތުގައި އެރަށުން ކަރަންޓު ކެނޑިފައި ވަނީ ޖަނެރޭޓަރުތަކުގައި ތެލާއި ފެން އެކުވުމުންނެވެ.
އޭނާ ވިދާޅުވީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައި 400 ކިލޯވޯޓުގެ ޖަނެރޭޓަރެއް އެރަށް ފޮނުވުމަށް ނިންމާފައިވާ ކަމަށާއި މަދާމާ ރޭ ދަންވަރުގެ ވަގުތެއްގައި އެރަށަށް ކަންޓު ދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
"މަދާމާ ރޭ ދަންވަރުގެ ވަގުތެއްގައި ކަރަންޓު ދެވޭނެ ކަމަށް ބެލެވެނީ. 400 ކިލޯވޯޓުގެ ޖަނެރޭޓަރު ގެންދިޔުމުން ދުވާފަރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ މުޅިން ހައްލުކުރެވޭނެ،" ފާރޫގު ވިދާޅުވި އެވެ.
އެރަށު އިންޖީނުގޭގައި ބޭނުންކުރަމުން އަންނަ ތިން ޖަނެރޭޓަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފާރޫގު ވިދާޅުވި އެވެ.