އެމެރިކާގެ ޔުނިވާސިޓިއަކުން ކޮމްޕިއުޓަރަށް ވިސްނަން ދަސްކޮށްދޭން މަސައްކަތް ކުރަނީ

އެމެރިކާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ޕިޓްސްބާރގެ ކާނެގީ މެލަން ޔުނިވާސިޓީއިން ކޮމްޕިއުޓަރަށް ވިސްނަން ދަސްކޮށްދިނުމުގެ އައު ތަހުލީލުތަކެއް ފަށައިފިއެވެ.

[ނެވަރ އެންޑިންގ އިމެޖް ލާނިން] (ނީލް) ނުވަތަ [ނިމުމެއްނެތި ތަސްވީރު ދެނެގަތުން] ގެ ނަން ދެވިފައިވާ މި މަޝްރޫއު ގެ މަގުސަދަކީ ވިސްނުމުގެ އެހީގައި އިންސާނުން އެކަތި އަނެކަތި ގުޅުވައިގެން ކަންތައްތައް ދެނެގަންނަ ދެނެގަތުން، ނުވަތަ “ކޮމަން ސެންސް”، ކޮމްޕިއުޓަރަށް ދަސްކޮށްދޭން މަސައްކަތް ކުރުމެވެ. އެކަތި އަނެކައްޗާ ވާ ގުޅުން ސިދާ ބުނެ ނުދީ، އަމިއްލައަށް ދެނެގަތުމުގެ ބާރު ކޮމްޕިއުޓަރަށް ހޯދައިދިނުމެވެ.

މިސާލަކަށް، މިނިކާވަގަކާ ޒީބްރާއެއްގެ ގުޅުން ނީލް ކޮމްފިއުޓަރަށް ދެނެގަނެވެއެވެ. ދެ ޖަނަވަރަކީވެސް ހަށިގަނޑުގައި ސީދަލަށް ރޮނގުތަކެއް ހުންނަ ދެ ޖަނަވާރެވެ. އަދި ޒިބްރާއަކީ ހަނަފަސް ސަހަރާތަކުގައި ދިރިއުޅޭ ޖަނަވާރެއްކަން ވެސް ނީލް އިން ވަނީ ދެނެފައެވެ.

މިފަދަ ގުޅުންތައް ހާސިލު ކުރަނީ އިންޓަނެޓުގައި ހުންނަ ފޮޓޯތައް ކޮމްޕިއުޓަރަށް އަޅައިގެންނެވެ. އަދި މިއަހަރުގެ ޖުލައިމަހުން ފެށިގެން ހުއްޓާނުލައި، 200 ޕްރޮސެސަރު އެކުލެވިގެންވާ ނީލް ކޮމްޕިއުޓަރ ވިއުގަޔަށް އެތައް ބައިވަރު ފޮޓޮއެއް، ހުއްޓުމެއް ނެތި 24 ގައިއިރު [ފީޑު] ކޮށްދެއެވެ. ނަތީޖާއަކީ މިހާތަނަށް 1500 އަށް ވުރެ ގިނަ ތަކެއްޗާއި، 1200 އަށް ވުރެ ގިނަ މަންޒަރު ނީލް ކޮމްޕިއުޓަރުން ދެނެގަނެފައިވާ ކަމެވެ. އަދި ފޮޓޯ ތަކުގެ މެދުގައި ވާ 2500 އަށް ވުރެ ގިނަ ގުޅުންތައް ނުވަތަ [އެސޯސިއޭޝަންސް] ކޮމްޕިއުޓަރުން ދެނެގަނެފައިވާ ކަމެވެ.

[ވިސްނުން ހުރި ކޮންމެ އެއްޗަކަށް ވެސް ނިންމުންތައް ނިންމުމަށްޓަކައި އަމިއްލައަށް ދެނެގަންނަން އެނގެން ޖެހޭ،] ކާނެގީ މެލަން ޔުނިވާސިޓީގެ ރޮބޮޓިކްސް އިންސްޓިޓިއުޓްގެ ޕްރޮފެސަރެއް ކަމަށްވާ އަބިނަވް ގުޕްތާ ބުންޏެވެ.

ޕްރޮފެސާ ގުޕްތާ ބުނީ ވަރަށް ބާރުގަދަ ސުޕާ ކޮމްޕިއުޓަރަކަށް ވަރަށް ރަނގަޅަށް އެއްކަމެއް ކުރަން ޕްރޮގްރާމްކުރުމަށް ވުރެ، ނީލް ކޮމްޕިއުޓަރުން މި ހަދާ ގުޅުންތައް ހެދުމަށް ޕްރޮގްރާމް ކުރުމަކީ ތަފާތު، އަދި އުނދަގޫ ކަމެއް ކަމަށެވެ. މިސާލަކަށް، މީގެ 28 އަހަރު ކުރިން 1985 ވަނަ އަހަރު، ކާނެގީ މެލަން ޔުނިވާސިޓީގެ ރިސާޗަރުން ވަނީ ކޮމްޕިއުޓަރަކަށް ރާޒުވާ ކުޅެން ޕްރޮގްރާމް ކޮށްފައިކަމަށް އެނާ ބުންޏެވެ. އަދި އޭގެ 12 އަހަރު ފަހުން އެ ޕްރޮގްރާމާ ވާދަކޮށް ދުނިޔޭގައި އޭރު ހުރި އެންމެ މޮޅު ރާޒުވާ ކުޅުންތެރިޔާ ބަލިވިއެވެ. މާނައަކީ، 12 އަހަރު ފަހުން މި ޕްރޮގްރާމް އަމިއްލައަށް ކުރިއަރާ އައު ކަންތައްތަކެއް ވަނީ ދަސްކޮށްފައެވެ. ނަމަވެސް ގުޕްތާ ބުނީ ނީލް ކޮމްޕިއުޓަރުން ހާސިލުކުރަން މަސަތައްކަތްކުރާ ކަންތައް އަދި އެއަށްވުރެ އުނދަގޫ ވާނެ ކަމަށެވެ.

މި މަޝްރޫއުއަށް ހޭދަކުރަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނިކަމަށްވާ ގޫގުލް އާއި އެމެރިކާގެ ކަނޑުގެ އަސްކަރީ ތަހުލީލުތައް ކުރާ ޑިޕާޓްމަންޓް އޮފް ޑިފެންސް އޮފިސް ނޭވަލް ރިސާޗުންނެވެ. ނަމަވެސް މި މަޝްރޫއުގެ ހޯދުންތައް ބޭނުންކުރާނީ ކޮންގޮތަކަށް ކަމެއް ދެފަރާތުންކުރެ އެއްބަޔަކުވެސް ހާމައެއް ނުކުރެއެވެ.

މެސެޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮކޮޖީގައި މަސައްކަތްކުރާ [މަސްނޫއީ ވިސްނުން] ނުވަތަ [އާޓިވިޝަލް އިންޓެލިޖަންސް] ގެ މާހިރެއްކަމަށްވާ ކެތަރިން ހަވާސީ ބުނީ އިންސާނުންނަކީ އެމީހުންގެ އާއްމު ދިރިއުޅުމުގައި އެތައް ބައިވަރު ކަންތައްތަކެއް އެއްފަހަރާ ދެނެގަންނަމު އަންނަ ބައެއް ކަމަށެވެ. އަދި ވިސްނައިގަންނަ ގިނަ ކަންތައް ތަކަކީ މީހަކު ކިޔައިދީގެން ނުވަތަ އަބަދު ބުނެދީގެން ވިސްނައިގަންނަ، ނުވަތަ ގުޅުވާ ގުޅުގުންތަކެއް ނޫން ކަމަށެވެ. މިޔާ ހިލާފަށް، ކޮމްޕިއުޓަރަށް އެއްޗެއް ދެނެގަނެވޭނީ އެކަތި އަނެކައްޗާ ހުރި ގުޅުން ކިޔައިދީގެންކަން އެނާ ފާހަގަ ކުރިއެވެ.

މިސާލެއް ދެމުން އެނާބުންޏެވެ. [ޖިރާފެއް ކާރަކަށް ލެވިދާނެތަ؟ އިންސާނާއަށް ވަގުތުން އޭގެ ޖަވާބު އެނގޭ. މާ ބޮޑަށް ވިސްނާކަށް ނުޖެހޭ،] ކެތަރިން ބުންޏެވެ.

ޕްރޮފެސާ ގުޕްތާ ބުނީ ނީލް ކޮމްޕިއުޓަރު މަޝްރޫއުގެ ކުރިއެރުމާ މެދު ހިތްހަމަ ޖެހޭކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ހަމަ އެކަނި ތަސްވީރު ދެއްކުމުގެ ބަދަލުގައި ޔޫޓިއުބް ވީޑިޔޯތައް ވެސް ނީލް ކޮމްޕިއުޓަރަށް އަޅާނެކަމަށް ގުޕްތާ ބުންޏެވެ.

[އަހަރަމެން މި މަސައްކަތް ފެށިއިރު ޔަގީނެއްނޫން ކާމިޔާބުވާނެ ކަމެއް. މިއީ ހަމަ ފެށުމެއް،] ގުޕްތާ ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު