ބަޖެޓް ކޮމެޓީގެ މުގައްރިރަކަށް ގާސިމް ހޮވައިފި

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީގެ މުގައްރިރަކަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހޮވައިފި އެވެ.

މިއަދު ބޭއްވި ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރަކަށް ގާސިމް ހޮވިފައި ވަނީ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 22 މެމްބަރުންގެ ތެރެއިން 12 މެމްބަރުންގެ ވޯޓުންނެވެ.

އެ ބައްދަލުވުމުގައި ކޮމެޓީގެ ނާއިބް މުގައްރިރަކު ވެސް ވަނީ ހޮވާފަ އެވެ. އެގޮތުން ނާއިބް މުގައްރިރަކަށް ހޮވާފައި ވަނީ ކެލާދާއިރާގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމެވެ. އެ މަގާމަށް މައުސޫމް ހޮވިފައި ވަނީ ވެސް 12 މެމްވަރުންގެ ވޯޓުންނެވެ.

ކޮމެޓީގެ މުގައްރިރަކު ހޮވުމަށް މިއަދު އެންމެ ފުރަތަމަ ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި މުގައްރިރު ކަމަށް ކުރިމަތިލެއްވި ދެ މެމްބަރުންނަށް ވެސް މުގައްރިރުކަމަށް ބޭނުންވާ އަޣުލަބިއްޔަތު ލިބިވަޑައިގެންފައެއް ނުވެއެވެ. އެއީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަމްޒާ އާއި ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބް ރައީސް އަހްމަދު ނާޒިމް އެވެ.

އެ ބައްދަލުވުން މެދުކަނޑާލާފައި ވަނީ މެމްބަރުންގެ މެދުގައި ދެބަސްވުންތައް އުފެދި ކޮމެޓީ ބައްދަލުވުން ކުރިއަށް ނުގެންދެވޭ ވަރަށް ކޮމެޓީގެ ނިޒާމް ގެއްލުމުންނެވެ.

ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ ކޮމެޓީގެ އިދާރީ މޭޒުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު